ފާއިތުވި 72 ގަޑިއިރު ތެރޭގައި އިސްރާއީލުގެ ނިރުބަވެރި ޓެރަރިސްޓުން ޣައްޒާގެ 300 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެހީ ހޯދަން ގޮސް އުޅެނިކޮށް 89 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ.
މީގެ އިތުރުން ކާނާ ނުލިބިގެން ބަނޑަށް ޖެހިފައިވާ ފަސްމީހުން ވެސް ޝަހީދުވެފައި ވާއިރު، އިސްރާއީލުގެ ހައްދުފަހަނަ އެޅި ސިފައިން ތައްޔާރުވަމުން ދަނީ މީގެ ކުރިން ނުހިންގާ ފަދަ ނުރައްކާތެރި ޤަތުލުޢާންމެއް ހިންގުމަށް ވެސް ތައްޔާރު ވަމުން ކަމަށް ޚަބަރުތައް ބުނެއެވެ.
ހަނގުރާމަ ކޮށްގެން ގަދަބާރުން ވެސް ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ ރަހީނުން މިނިވަން ކުރެވިފައި ނުވާތީ އިސްރާއީލުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނީ ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތަކުން ޣައްޒާ ރައްޔިތުން މަޙްރޫމު ކުރުމެވެ. އެއާއި އެކު ބަނޑަށް ޖެހުމުގެ ސަބަބުން ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 227 އަށް އަރާފައެވެ.
ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، އެއްކުރި ސާމްޕަލްތަކުގެ ތިންބައިކުޅަ ދެބައި މީހުންނަށް ކުއްލި ފަރުވާ ދޭންޖެހިފައި އެބަހުރި ކަމަށް ނުރަސްމީ ހިސާބުތަކުން ދައްކައެވެ.