ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިގު މުއްދަތަށް ދިރިއުޅެވޭނެ ހެޔޮ އަގުގައި ގެދޮރު ހޯދައިދިނުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކިމްގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ތަރައްޤީކުރި 4،000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ ތެރެއިން 16% ށއަށް ވާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މިހާތަނަށް މި މަޝްރޫއުގެ ދަށުން ޖުމްލަ 667 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވެ އެވެ. އޭގެތެރެއިން މިހާތަނަށް 640 ފަރާތަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކުރެވިފައެވެ. މިއީ 4،000 ޔުނިޓުގެ ތެރެއިން 16%ވާ އަދަދެއް ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ގެތަކަކީ މާލޭ ސަރަހައްދުގައި ދިރިއުޅުމުގެ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް ހިތްހަމަޖެހޭ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ ޔުނިޓުތަކެކެވެ. މި މަސައްކަތް ކުރިއަށް އޮތްތާނގައިވެސް އަވަސް މިނެއްގައި ކުރިއަށްދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެ އެވެ.