އާބާދީގެ %93 މީހުންނަށް ކާނާ ނުލިބި ބަނޑުހައިހޫނުކަން ތަޙައްމަކު ކުރަމުންދާ ޣައްޒާގެ ކުޑަކުދިންނަށް ޖަނަވާރުތަކަށް ކާންދިނުމަށް ބޭނުންކުރާ ކާނާ ދޭން ފަށައިފިއެވެ.

ޣައްޒާގެ ކުޑަކުއްޖަކަށް ކާން ދެނީ: ދިރިހުރުމަށްޓަކައި ޖަނަވާރުންނަށް ޚާއްޞަ ކޮށްފައިވާ ކާނާ ވެސް ކެއުމަށް އެ ކުދިންނަށް މަޖުބޫރު ވެއްޖެ./ ފޮޓޯ: ދަ ގާޑިއަން
ޚަބަރުތައް ބުނާ ގޮތުގައި ޣައްޒާގެ މައިންބަފައިންނަށް މިހާރު މަޖުބޫރު ވެފައި ވަނީ ޙިމާރާއި ދޫނި ފަދަ ތަކެއްޗަށް ޚާއްޞަ ކޮށްފައިވާ ކާނާ އެ މީހުންގެ ދަރިންނަށް ދިނުމަށެވެ. އެހީގެ ގޮތުގައި ލިބޭ ކާއެއްޗެހީގައި ފޫޖަހައި، ކުނިވެ، މުއްދަތު ހަމަވެފައި ހުރުމުން ޖަނަވާރުންނަށް ޚާއްޞަ ކޮށްފައިވާ ކާނާ ކެއުން ނޫން ގޮތެއް ނެތެވެ.
ރޮއިޓާސް އިން ބުނާ ގޮތުގައި ބައެއް މީހުން ހަދާ ގޮތަކީ ޖަނަވާރުގެ ކާނާ ފުނޑުކޮށްފައި އެއިން ރޮށި ފިހެގެން ކަނީއެވެ. މިއީ ރައްކާތެރި ގޮތެއް ވެސް ނޫނެވެ. މިކަމުގެ ސަބަބުން ބަލި ވެސް ޖެހެއެވެ. ނަމަވެސް އެ ނޫން ގޮތެއް ނެތެވެ..
އދ. ގެ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލަނީ ކުޑަކުދިންނެވެ.









