ބ. ތުޅާދޫގައި ޑޮމެސްޓިކް އެއަޕޯޓެއް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ބުނީ މި މަޝްރޫއަކީ "ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގާ ފުޅާކުރުން" މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއެއްކަމަށެވެ.
އެގޮތުން މި އެއްބަސްވުމުގައި ސޮއެކުރެވިފައިވަނީ 570,260,350.80 ރުފިޔާގެ އަގަކަށް، އަދި 660 ދުވަހުގެ މުއްދަތަކަށް ކަމަަށް މިނިސްޓްރީން ފާހަގަކުރި އެވެ. މި މަޝްރޫއަކީ، 2023 ވަނަ އަހަރު ބ. ތުޅާދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމުގެ ގޮތުން ސޮއެކުރެވުނު އެއްބަސްވުން ބާތިލުކުރުމަށް ފަހު، އަލުން މި އެއްބަސްވުމުގައި ސޮއެކުރެވުނީ، މަސައްކަތުގެ ދާއިރާ ފުޅާކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މިހާރުގެ މަޝްރޫޢުގައި ހިމެނުމަށްޓަކައިކަމަށް މިނިސްޓްރީން ބުންޏެވެ. .
މީގެ އިތުރުން މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއެކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ހަސަން ރަޝީދު އެވެ. އަދި މަސައްކަތް ހަވާލުކުރެވުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދު ވަނީ ސޮއެކުރައްވާފަ އެވެ.
މި މަޝްރޫޢުގެ ދަށުން ބ. ތުޅާދޫގައި ޤާއިމުކުރެވިގެންދާނެ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ. މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2,231,740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެ އެވެ. މި މަޝްރޫޢު ނިމުމުން ބ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބި، ސަރަޙައްދުގެ އިޤްތިސާދީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.