ދިވެހިރާއްޖޭގައި ޒަކާތާގުޅޭ ކަންކަން ކަނޑައަޅައި، ތަންފީޒުކޮށް، ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނެއް ހެދުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލަކީ އިސްލާމްދީނުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމާއި، ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާއީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބިލެކެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ބޭއްވި މިއަހަރުގެ ދެވަނަ ދައުރުގެ 23ވަނަ ޖަލްސާގަ އެވެ. މި ބިލު މިހާރުވަނީ ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވާފަ އެވެ.
އަލަށް އެކުލަވާލާ މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނެ އެވެ. މީގެ އިތުރުން، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގެ މަތިން ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމަކީވެސް މި ގާނޫނުގެ މުހިންމު މަގުސަދެކެވެ.
މި ގާނޫނުގެ ދަށުން ރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ޒަކާތާ ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެއްގެ މަސްއޫލިއްޔަތުތައްވެސް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާގުޅޭ ސިޔާސަތުތައް އާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އާންމު އިރުޝާދާއި ލަފާ ދިނުން ހިމެނެ އެވެ.
ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި، އުފެދޭ ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް"ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބިލުގައި ބަޔާންކުރެ އެވެ. މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ ނުވަ މެމްބަރުން ތިއްބަވާނެ އެވެ.
ހަމައެއާއެކު އައު ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއްވެސް އުފެދޭނެ އެވެ. މި އިދާރާ ހިނގަމުންދާނީ ވުޒާރާގެ ދަށުންނެވެ. ޒަކާތުގެ ބިލުގައި ޒަކާތު ހައުސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުލޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ހިމެނެ އެވެ.
މީގެ އިތުރުން، އައު ޤާނޫނާއެކު ޒަކާތާބެހޭ ޝަރުއީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެ އެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި މި ކޮމިޓީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ޒަކާތުގެ ބިލުގައި ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ގާނޫނާއި، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަންޖެހޭ ގޮތްތަކާއި، ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ބިލުގައި ވަނީ ސާފުކޮށް ކަނޑައަޅާފަ އެވެ.