ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި، ތަންފީޒުކުރުމަށްޓަކައި "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް"ގެ ނަމުގައި ހާއްސަ އޮފީހެއް ގާއިމުކުރުމަށް ހުށައެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ކުޑަހުވަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން ހަމީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
"މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް"ގެ ބިލު ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުންވެސް ހިމެނެ އެވެ. މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އޮފީހެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން ވެސް ހިމެނެ އެވެ.
އެގޮތުން، މި ގާނޫނުން ހިމާޔަތްކޮށްދޭ ފިކުރީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި، ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނޭކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ގާއިމުކުރެވޭ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދަލާ ގުޅޭ ދަފްތަރެއް އެކުލަވާލުމާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ގުޅުން ބަދަހިކުރުމާއި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެ އެވެ.
މި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރަ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ އެވެ. މި މަގާމަށް މީހަކު އައްޔަނުކުރުމުގެ ބާރު ލިބިދީފައިވަނީ އިގުތިސާދީ ވަޒީރަށެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަންވާނެ ކަމަށް ބިލުގައި ބަޔާންކުރެ އެވެ. ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އޭނާގެ ދައުރު ހަމަވުމުން އެ މަގާމަށް އައްޔަންކުރަންވާނީ އެހެން ބޭފުޅެއްކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާ ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.