ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 34،573 ޓަނުގެ މުދާ އުފުލާފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. މިއީ ރާއްޖޭގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ކާގޯ ހޭންޑަލްކުރާ މިންވަރަށް އައި ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެ އެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ރާއްޖެއަށް 25،262 ޓަނުގެ މުދާ އެތެރެކުރެވިފައިވާއިރު، 2،432 ޓަނުގެ މުދާ ވަނީ އެކްސްޕޯޓްކުރެވިފަ އެވެ. މީގެ އިތުރުން، ދެމެދުގައި ބަދަލުކުރެވޭ ޓްރާންސްޝިޕްމަންޓް މުދަލުގެ ގޮތުގައި 6،879 ޓަނުގެ މުދާ އުފުލާފައިވެ އެވެ. މި ޓްރާންސްޝިޕްމަންޓްގެ ތެރޭގައި 5،621 ޓަނުގެ އެއާޓު-އެއާ ކާގޯއާއި، 1،258 ޓަނުގެ އެއާޓު-ސީ ކާގޯ ހިމެނެ އެވެ. ޓްރާންސްޝިޕްމަންޓް މުދާ އުފުލި މިންވަރު މިއީ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފަ އެވެ.
މި ހަ މަސްދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެންމެ ގިނަ މުދާ އުފުލާފައިވަނީ އެފްކޮމް މެދުވެރިކޮށެވެ. އެގޮތުން އެފްކޮމްއިން 112 ފްރައިޓާސް އޮޕަރޭޓްކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ކާގޯ އުފުލާފައިވަނީ ފްލައި ވާވް އިންނެވެ. އެ ކުންފުނިން 18 ފްރައިޓާސް އޮޕަރޭޓްކޮށްފައިވެ އެވެ. މީގެ އިތުރުން އެމް-ޖެޓްސް އަދި ގަތަރު ކާގޯ ފަދަ ބައިނަލްއަގުވާމީ ކުންފުނިތަކުންވެސް ވީއައިއޭ މެދުވެރިކޮށް ގިނަ އަދަދެއްގެ މުދާ އުފުލާފައިވެ އެވެ.
ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއްކަން އެ ކުންފުނިން ފާހަގަކުރި އެވެ. އެމްއޭސީއެލްއިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލަމާތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނެ އެވެ.
ވީއައިއޭގައި މިދިޔަ އަހަރު ހުޅުވި އާ ކާގޯ ޓާމިނަލަކީ މިފަދަ ގިނަ ހިދުމަތްތަކެއް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. ކުރިން ހުރި ކާގޯ ޓާމިނަލުން އަހަރަކު ގާތްގަދަ 50،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭއިރު، އާ ޓާމިނަލުން އަހަރަކު 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މިދިޔަ ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލުގެ ކެޕޭސިޓީ 300،000 ޓަނަށް އިތުރު ކުރުން ކަމަށް ވިދާޅުވެފަ އެވެ. މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.