އެމްޕީއެލް ތެލުގެ ހިޔާނާތުގެ ގެއްލުމުގެ ބަދަލު ހޯދުން އަވަސްކުރަން ފާސްކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 4 ދުވަސް ކުރިން - 11 އޯގަސްޓް 2025 16:26
އެމްޕީއެލްގެ ތެޔޮ އުފުލާ ބޯޓެއް.--ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ތެޔޮ އުފުލާ ބޯޓެއް.--ފޮޓޯ: އެމްޕީއެލް
ޚުލާސާ

އެމްޕީއެލްގެ ތެޔޮގެ ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ އަތުން ބަދަލު ހޯދަން ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު.

މާލޭ ކޮމާޝަލް ހާބަރުގެ ބޭނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް 2018 އިން 2020 އަށް ގަތް ތެލަށް ހިޔާނާތްތެރިވި މައްސަލައިގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު، މި ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުން ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވިއްކި ތެލުގެ މުއާމަލާތުގެ ތެެރެއިން، އެފްއެސްއެމްގެ މުވައްޒަފުން ހިންގި ކޮރަޕްޝަންގައި އެމްޕީއެލްއަށް ގެއްލުނު ތެލުގެ ބަދަލު، އެކަމުގައި ހިޔާނާތްތެރިވި ފަރާތްތަކުގެ އަތުން ހޯދަން ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) އާއި ކޯޓުތަަކަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެމްޕީއެލްގެ ތެޔޮގެ ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ އަތުން ބަދަލު ހޯދަން ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ. މި ހުށަހެޅުއްވުން ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެފައިވާ ގޮތުގައި މިކަން ހިނގާތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެކަމަށާއި އެންމެ ދެ އަހަރު ދުވަހުގެ ރިޕޯޓަކުން ހަގީގީ މަންޒަރު ނުފެންނާނެކަމަށެވެ.

މި މައްސަލައިގައި ކޮމިޓީ ރިޕޯޓުގައި ނިންމާފައިވަނީ، އެމްޕީއެލްއިން ގަތް ތެލުގެ ތެރެއިން ބައެއް ގެއްލިފައިވާތީ އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، މި ޚިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތަކުން ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށާއި ކޯޓުތަކަށް އެންގުމަށެވެ. އަދި މި ރިޕޯޓު ފާސްކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރިއަށްދާގޮތުގެ ރިޕޯޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށްވެސް އަންގާފައިވެ އެވެ.

އެފްއެސްއެމްގެ ތެޔޮ އުފުލާ އުޅަނދު ފަހަރުތައް މޮނީޓާ ކުރުމުގެ ގޮތުން އުޅަނދު ފަހަރުގައި ކެމެރާ ހަރުކުރަން ބޭނުންވާ ސިސްޓަމްތަކާއި، އެތަކެތިން ތެޔޮ ދޫކުރަން ބޭނުންކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލް ކޮށް، ލައިވް ރިޕޯޓް ނެގޭނޭ ގޮތަށް ހަދައި ބާޖުތަކުގެ ޓޭންކްތަކުގައި ހުންނަ ތެލުގެ އަދަދު ލައިވްކޮށް މޮނިޓާ ކުރުމަށްޓަކައި އޮޓަމެޓިކް ކޭޖިން ސިސްޓަމްތައް ހަރުކުރުމަށް އަންގަން ވެސް މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓިގައިވަނީ ފާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޢަލީބެ

4 ދުވަސް ކުރިން - 19:39

ޝަމްހީދު މަޖިލީހު ތިބުނީ އެކަމެއްކުރާތާ 15 އަހަރުވެދާނޭ. ގައިމު ގަންނަބަޔަކުވެސް ބުނެދީބަލަ. ތެދުވެރިކަމެއް ހުރިއްޔާ.