ބ. ކުޑަރިކިލުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެން ދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ކުޑަރިކިލުގައި ފެނާއި ނަރުދަމާގެ ނިޒާމު މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ފައްޓަވާދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
އަދި ހަމައެހެންމެ، އެރަށު ފެނާއި ނަރުދަމާ ނިޒާމުގެ އިތުރުން އެރަށު މަގު ހެދުމުގެ މަސައްކަތް ވެސް ފެށުމަށް މިހާރު ނިންމާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެރަށު ސްކޫލުގެ ކުލާސްރޫމްތަށް އިތުރުކޮށް އެރަށު ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް ތަރައްގީކުރެވިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން އެރަށުގައި މިސްކިތެއް އިމާރަތްކުރުމުގެ މަސައްކަތް ފަށަން ކޮންޓްރެކްޓްގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ކުޑަރިކިލު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް އެމަނިކުފާނު މިއަދު ވަނީ ފައްޓަވައި ދެއްވާފަ އެވެ.
އަދި ކުޅިވަރުގެ ދާއިރާއާއި ގުޅުން ހުރި ތިން މަޝްރޫއު އެއް އެރަށުގައި ފެށުމަށް ނިންމާފައިވާކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ފުޓްބޯޅަ ދަނޑަކާއި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ އިތުރުން ބާސްކެޓް ބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އެކަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.









