މޯލްޑިވްސް ޑިޖިޓަލް ޕާޓްނަޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި: ޑިޖިޓަލް ރާއްޖެއަކަށް މުހިންމު ފިޔަވަޅެއް

އައިޝަތު ރުވާ ރިފްޢަތު | 69 ދުވަސް ކުރިން - 10 އޯގަސްޓް 2025 21:54
މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް އިފްތިތާހުކުރުން/ ފޮޓޯ: ބީއެމްއެލް
މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް އިފްތިތާހުކުރުން/ ފޮޓޯ: ބީއެމްއެލް
ޚުލާސާ

މި އެއްބަސްވުމަކީ ރާއްޖޭގައި ހަރުދަނާ، އިންކްލޫސިވް އަދި ކުރިމަގަށް ފަހި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލްއިން ހާމަކުރި،

މޯލްޑިވްސްގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް އިތުރަށް ހަލުވިކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނެޝަނަލް ސެންޓަ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ- އެންސީއައިޓީ) އަދި މާސްޓަކާޑް ގުޅިގެން 'މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް' ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަގުސަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ފަހި ރާއްޖެ އަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުން ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  1. އިތުރު ހިދުމަތްތަކާއެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން.
  2. އޭއައި ބޭނުންކޮށްގެން ސައިބަސެކިއުރިޓީ ވަރުގަދަކުރުން.
  3. ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ހިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން.
  4. ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީ ކުރުން.
  5. ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓަކާޑާއި އެންސީއައިޓީއާއެކު ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް، ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. "މާސްޓަކާޑުގެ ބައިނަލްއަގުވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ހެޑް ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް، މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށާއި ދެފުށްފެންނަ ނިޒާމެއް ގާއިމުކޮށް އަދި ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ރާއްޖެ އަށް ދަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަމުން ކަމަށެވެ. "މޯލްޑިވްސް ޑިޖިޓަލް ޕާޓްނަޝިޕް ޕްރޮގްރާމްގައި މާސްޓަކާޑާއި ބީއެމްއެލްއާ ގުޅިގެން މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޑރ. ކިނާނަތު ވިދާޅުވި އެވެ.

މާސްޓަކާޑުގެ ފަރާތުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާ ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަންގެ ސަބަބުން ހުޅުވިގެންދާ އިގުތިސާދީ ފުރުސަތުތަކާއި ފަހި ބަދަލުތަކަށް އޮތް ފުރުސަތު މާސްޓަކާޑުން ބަލައިގަންނަ ކަމަށެވެ. "މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް، ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ޑިޖިޓަލް އެކޮނޮމީއަކަށް ކުރާ ދަތުރު އަވަސްކުރުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަން،" ސަންދުން ހަޕުގޮޑާ ވިދާޅުވި އެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ހަރުދަނާ، އިންކްލޫސިވް އަދި ކުރިމަގަށް ފަހި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލްއިން ބުންޏެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%