މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުއްޓާއި ފ. ބިލެތްދޫއިން އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުންގެ ތެރެއިން ކޮޅުފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި / އުނިމާގެ، އަހްމަދު ހުމައިދު (30އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޮޅުފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، މި މަހުގެ އަށް ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެ އެވެ.
މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން ފ. ބިލެތްދޫއިން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ގުލޭނޫރަންމާގެ، ދާއޫދު އަބްދުއްސައްތާރު (43އ) ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މި މަހުގެ ހަތް ވަނަ ދުވަހު ބިލެތްދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އަހްމަދު ހުމައިދު 30 ދުވަހުގެ މުއްދަތަށް އަދި ދާއޫދު އަބްދުއްސައްތާރު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.