މިއަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން 16 ދުވަހުގެ ޗުއްޓީއަކަށްފަހު މިއަދު ފަށައިފި އެވެ.
ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކޮށްފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް ނިމިދިޔަ ސަރުކާރުން ނިންމި ނިންމުން ކުރިން އޮތްގޮތަށް މި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު ދެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ ކޮންމެ އަހަރަކު ވެސް ޖެނުއަރީ މަހު އެވެ.
އެހެންނަމަވެސް މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ އަންނަ 2026 ވަނަ އަހަރުން ފެށިގެންނެވެ. އެހެންކަމުން މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައި ނިންމައި، އެ މަހު 28 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ބޮޑު ޗުއްޓީ ލިބޭނެ އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި މި އަހަރު 84،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.









