އިސްރާއީލާއެކު 35 ބިލިއަން ޑޮލަރުގެ ގޭސް އެއްބަސްވުމެއްގައި މިޞްރުން ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ. މިއީ މުޅި އިސްރާއީލުގެ ތާރީހުގައި ވެސް ގޭސް އެކްސްޕޯޓުކުރުމަށް ހެދި އެންމެ ބޮޑު ޑީލެވެ. އިސްރާއީލުން ބުނީ މި ކޮންޓްރެކްޓްގައި 2040 ވަނަ އަހަރާއި ހަމައަށް މިޞްރަށް 130 ބިލިއަން ކިއުބިކް މީޓަރ (ބީސީއެމް) ގޭސް ފޮނުވާނެ ކަމަށެވެ.
މި ގޭހަކީ ޣައްޒާގެ އުތުރާއި ލުބުނާނުގެ ދެކުނު އައްސޭރިން ނަގައިގެން އިސްރާއީލުން ވިއްކާ ގޭހެވެ. އިސްރާއީލުން މި ވިޔަފާރި ފެށިއިރު ޣައްޒާގެ ކަނޑުގައި ވަރަށް ބޮޑު ގޭސް ރިޒާވް އެއް އެބަހުއްޓެވެ. ފަލަސްޠީނުން އެތަނުން ގޭސް ނަގާފާނެތީވެ އެކަން ވިޔަ ނުދިނުމަށް އިސްރާއީލުން އޮންނަނީ އެ ސަރަޙައްދު ބްލޮކް ކޮށްފައެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް މިއަދާއި ހަމަޔަށް އޮތީ އެކަން ނުވެފައެވެ. ބެލެވޭ ގޮތުގައި ޔަހޫދީން ޣައްޒާ ހިފައިފިނަމަ އެ ގޭސް ރިޒާވް ނަގައި ހުޅަނގަށް އެކްސްޕޯޓް ކުރާނެއެވެ.
މިޞްރުން އިސްރާއީލާއެކު އެންމެ ފުރަތަމަ ގޭހުގެ ޑީލެއް ހެދީ 2018 ވަނަ އަހަރުގައެވެ. އޭރު 4.5 ބީސީއެމްގެ ގޭސް އަހަރަކު ގަތްއިރު، ބުރާސްފަތި ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2040 ވަނަ އަހަރާއި ހަމައަށް އިސްރާއީލުގެ ގޭސް މިޞްރަށް ގެންދާނެއެވެ. އެއީ މިޞްރުން އެއްބަސްވެފައިވާ އަހަރަކު ގާތްގަނޑަކަށް 8.67 ބީސީއެމް ގޭހެވެ
މިޞްރުން އިސްރާއީލާއެކު މި ޑީލް ހެދީ ބަނޑުހައިހޫނުކަމުގެ ސަބަބުން ގާތްގަނޑަކަށް 200 މީހުން ޣައްޒާއިން ޝަހީދުކޮށް އަދި ހުއްޓުމެއް ނެތި އިސްރާއީލުން ޣައްޒާގެ ކުޑަކުދިންނާއި އަންހެނުން ޤަތުލުކޮށް ނަސްލު ނައްތާލަމުންދާ ދަނޑިވަޅުގައެވެ. އެމެރިކާގެ ޕަޕެޓެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ވިދާޅުވާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ޤަތުލުޢާންމެއް ނުހިންގައެވެ