ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އިހުމާލުވެފައިވާތީ ފުލުހުންގެ މައްޗަށް ދައުވާ ކުރަނީ

އަައިޝަތު ޒީނާ | 72 ދުވަސް ކުރިން - 9 އޯގަސްޓް 2025 23:15
ހޮޅުދޫގައި މަރާލައިފައި އޮއްވައި ފެނުނު ޒަކިއްޔާ---
ހޮޅުދޫގައި މަރާލައިފައި އޮއްވައި ފެނުނު ޒަކިއްޔާ---
ޚުލާސާ

އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުން ބުނި.

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާތީ ފުލުހުންގެ މައްޗަށް ދައުވާ ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މަޝްވަރާކުރަން ފަށައިފިއެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރުއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޒަކިއްޔާގެ މަރާ ގުޅޭ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އެންއައިސީން ގަބޫލު ކުރާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، އެ މައްސަލައާމެދު ފުލުހުންގެ މައްޗަށް ދައުވާކުރުމަށް ވަރަށް ސީރިއަސްކޮށް ވިސްނާނެ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި އެންއައިސީން ފުލުހުންނަށް ކުރާ ތުހުމަތުތަކަކީ:

  1. ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުން.
  2. އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުން.
  3. ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސް އެޅުން.
  4. މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން.

އެންއައިސީން މި މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޒަކިއްޔާއަކީ ނަފްސާނީ ބަލިތަކެއްވެސް ތަހައްމަލު ކުރަމުން އައި މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ކިރޔާ ބުރި ނުވާ ހާލުގައި ކަމަށެވެ. އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ބައެއް މީހުންވެސް ތުހުމަތު ކުރާ ގޮތުގައި ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަކަށް ނޫނެވެ.

ޒަކިއްޔާއަށް ފުން ޒަހަމްތަކެއް ލިބިފައި ހުރިނަމަވެސް އޭނާ ވަޅުލާފައިވަނީ އޮޓޮޕްސީއެއް ނުހަދައެވެ. އޭގެ ބަދަލުގައި ހެދި ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުން ދައްކާ ގޮތުން އޭނާ މަރުވެފައިވަނީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ހޮޅުދޫއަށް ވަޑައިގެން ޒަކިއްޔާގެ އާއިލާއާ ވަކިން ބައްދަލުކުރައްވާފައެވެ. އަދި ޒަކިއްޔާގެ މަރާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ޒަކިއްޔާގެ އާއިލާއަށް ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%