އިއްޔެ އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ފާސްކުރި ނިންމުމާއެކު ޣައްޒާ ހިފުމަށް އިސްރާއީލުން ފެށި ޖަރީމާ ތަކުގައި ޣައްޒާގައި މީގެ ކުރިން ދުވަހަކުވެސް ޙަމަލާ ދީފައިނުވާ އިތުރު 760 އަށްވުރެ ގިނަ ތަނަކަށް ޔަހޫދީ ޒައެނިސްޓުން ޙަމަލާދީފިއެވެ.
އައިޑީއެފް ޓެރަރިސްޓް ޖަރީމާތައް އަމާޒުކޮށްފައި ވަނީ އުސް ޢިމާރާތްތަކަށާއި ޢާންމުންގެ ގެދޮރަށެވެ. އެމީހުން ބުނީ އެއީ ޙަމާސްގެ މީހުން ފިލައި ތިބޭ އައު ތަންތަން ކަމަށެވެ. އެއްގަމާއި ވައިގެމަގުން ދިން މި ޢުދުވާނުގައި ގާއިތުވި 24 ގަޑިއިރުތެރޭ 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލާފައި ވެއެވެ.
ޣައްޒާ ހިފުމަށް މިހާރު ކުރިޔަށް ގެންދާ ޖަރީމާތަކުގައި އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޙަމަލާތައް ދެމުންދަނީ ޣައްޒާ ސިޓިގައި އެކަންޏެއް ނޫނެވެ. ޣައްޒާ ސިޓީ އަކީ ޣައްޒާގެ މެދުތެރޭގައިވާ ވިޔަފާރި ސެންޓަރުވެސް މެއެވެ. ޚާން ޔޫނިސް އާއި ރަފާޙަށް ވެސް ވަރަށް ވަރުގަދައަށް މިއަދު ހަމަލާތައް ދެމުން އެބަދެއެވެ.
މީގެކުރިން އިސްރާއީލުން އޮތީ ހޫނު ގަދަވުމުގެ ސަބަބުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިރުޝާދާއި އެކު ރޭގަނޑުގެ ވަގުތުތަކުގައި އެކަނި ޙަމަލާ ދިނުމަށް ނިންމާފައެވެ. ނަމަވެސް މިހާރު ޙަމަލާތައް ދެމުން އަންނަނީ އެއްވެސް މެދުކެނޑުމެއް ނެތިއެވެ.
ނުރަސްމީ ޗެނަލްތަކުން ބުނާ ގޮތުގައި ޔަހޫދީ ޒައެނިސްޓުން އިއްޔެއިން ފެށިގެން ބޮޑަށް ޙަމަލާތައް އަމާޒުކުރަނީ ޓެންޓުތަަކަށާއި ގެދޮރާއި، ދަނޑުވެރި ބިންތަކަށެވެ. އަދި ހުރިހާ އެންމެން އަލްމަވާސީ އަށް ދިޔުމަށް އައިޑިއެފުން ދަނީ އަޑުގަދަކުރާއިން ގޮވަމުންނެވެ. އަލްމަވާސީ އަކީ ހުސްވި ހަފްތާގައި އައިޑީއެފުން “ސާފުކޮށްލާފައިވާ” ސަރަޙައްދެކެވެ.