35 އަހަރުގެ ހަމަނުޖެހުންތަކަށް ފަހު، އިއްޔެ އަރްމީނިއާ އާއި އަޒަރުބައިޖާނުން ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށް އެމެރިކާގެ ރައީސަށް "ޞުލްޙައިގެ އިނާމު" ހޯދައިދިނުމަށް ދުނިޔެއަށް މަންޒަރެއް ދައްކާލައިފިއެވެ.
ޓްރަމްޕުގެ ޕްލޭނަކީ އިއްޔެ ރަޝިއާ-ޔުކްރޭނު ހަނގުރާމައިގައިވެސް ސިއްކަ ޖެއްސެވުމެވެ. ނަމަވެސް އެކަމެއް ޓްރަމްޕަކަށް ނުވިއެވެ. ސަބަބަކީ ޕޫޓިން ދޫނުދެއްވުމުންނެވެ
ޓްރަމްޕުގެ ކުރިފުޅުމަތީގައި އިއްޔެ (އޮގަސްޓް މަހުގެ 8 ވަނަ ދުވަހު) ވައިޓް ހައުސްގައި އަރްމީނިއާ އާއި އަޒަރުބައިޖާންގެ ޕީސް އެގްރީމެންޓުގައި އަރްމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔާން އާއި އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލީވް އާއި ބައްދަލުކުރެއްވިއިރު، ދެލީޑަރުން އެއްބަސްވެވަޑައިގަތީ ރަސްމީކޮށް ހަނގުރާމަ ހުއްޓާލުމާއި، ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަކޮށް، 1980 ގެ އަހަރުތަކުގެ ފަހުކޮޅު އުފެދުނު މައްސަލަތައް ރަސްމީކޮށް ނިންމާލުމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ބޮޑެތި ފައިދާތަކެއް ނަގައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކުރިއަށް އޮތް 99 އަހަރަށް ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ހަކަތައިގެ ހުރިހާ ކޮންޓްރޯލެއް އޮންނާނީ އެމެރިކާއަށެވެ. މިއީ ޔޫރަޕާއި، ކޯކެސަސްއާއި، މެދުތެރޭ އޭޝިޔާ ގުޅުވައިދޭ ވަރަށް މުހިންމު ރޫޓެކެވެ.
ކޯކެސަސް އަކީ އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިޔާގެ ބޯޑަރުގައި އަދި ކަޅު ކަނޑާއި އިރުމަތީގައި އޮންނަ ކެސްޕިއަން ކަނޑާއި ދެމެދުގައި އޮންނަ ސަރަޙައްދެވެ. އަރްމީނިއާ، އަޒަރުބައިޖާން، ޖޯޖިއާ ހިމެނެނީ ކޯކެސަސްގެ އެއްފަޅީގައެވެ. އަނެއް ފަޅިއަކީ ނުވަތަ ނޯތު ކޯކެސަސް އަކީ ރަޝިއާގެ ސަރަޙައްދުތައް ކަމަށްވާ ޗެޗްނިޔާ، ޑަގޭސްތާން، އިންގުޝެޓިއާ، ނޯތު އޮސެޓިއާ، އެލާނިއާ، ކަބަރޑިނޯ-ބަލްކަރިއާ، ކަރަޗޭ–ޗެރްކެސިއާ، އަދި އަޑީގޭއާ ފަދަ ޤައުމުތައް އެކުލެވޭ ބައެވެ.
އެހެންކަމުން މިއީ އެމެރިކާ އަދި ރަޝިއާ އާއި ދެކޮޅު ޔޫރަޕަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ސަބަބަކީ ރަޝިއާ އާއި އީރާނުން އެތައް ޒަމާނެއް ވަންދެން ވެރިކަންކުރާ ސަރަޙައްދެއްގައި އެމެރިކާގެ ފައިތިލަ ވަރުގަދަވެގެން ދިޔުމެވެ. ޔުކްރޭނާއި ރަޝިއާ ޖައްސުވައި އެމެރިކާ އަޑީގައި އޮވެގެން ހުޅަނގުގެ ޤައުމުތައް ކުރިޔަށް ނެރެގެން ކުރި މަސައްކަތަކީ މި ޕްލޭނުގެ ބައެކެވެ.
މިއާއި އެކު އެމެރިކާއިން ޒަމާނުއްސުރެ ބޭނުންވެފައިވާ އަޒަރުބައިޖާނުގެ މުއްސަނދި ތެލާއި ގޭހުގެ ރިޒާވް 99 އަހަރަށް ލިބުނީއެވެ. އީރާނާއި ކައިރިޔަށް އާދެވި މެދުއިރުމަތީގައި އެމެރިކާ އިތުރަށް ބާރު ގަދަވީއެވެ. އަރްމީނިއާ މެދުވެރިކޮށް ޞުލްޙައިގެ ނަމުގައި ކަމަށް ބުނެ އެމެރިކާއިން ހިންގާ އަސްކަރީ ކަންކަމުގައި ފުރިހަމަ އެއްބާރުލުމެއް ލިބުނީއެވެ.