މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި, އެސްޑީއެފްސީ އާއެކު ހުޅުވާލި ގްރާންޓް ސްކީމްގެ ދަށުން، ދަނޑުވެރިންގެ އަމިއްލަ ގްރީން ހައުސް ގާއިމްކުރުމަށް ހަ ދަނޑުވެރިންނާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށް އެހީތެރިވެގެންދާނެއެވެ.
ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ޕްރޮޖެކްޓްގެ ފަރާތުން ތައާރަފް ކުރެވުނު ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން ވިޔަފާރިއެއްގެ ސިފައިގައި ކުރިއަށްގެންދިއުމަށްޓަކައި މި ސްކީމްގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. މި ފުރުސަތުގެ ތެރޭގައި 68 ފަރާތަކުން ގްރާންޓަށް އެޕްލިކޭޝަން ފޮނުވާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުންޏެވެ. އިތުރު 16 ފަރާތެއްގެ އެޕްލިކޭޝަންތައް ބަލަމުން އަންނަ ކަމަށް ވެސް ވުޒާރާއިން ހާމަކުރިއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ.
މެޕްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ދަނޑުވެރިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.