އެންސިސްގެ މަސް ކާރުހާނާ މިފްކޯއަށް ވިއްކަން މަޝްވަރާކުރަނީ

އަައިޝަތު ޒީނާ | 5 ދުވަސް ކުރިން - 7 އޯގަސްޓް 2025 21:03
އެންސިސްގެ މަސް ކާރުހާނާ ބަންދު ކުރުމުގެ ކުރިން އެތަނުގައި މުވައްޒަފުން މަސައްކަތް ކުރަނީ. / ފޮޓޯ: އެންސިސް ގްރޫޕް
އެންސިސްގެ މަސް ކާރުހާނާ ބަންދު ކުރުމުގެ ކުރިން އެތަނުގައި މުވައްޒަފުން މަސައްކަތް ކުރަނީ. / ފޮޓޯ: އެންސިސް ގްރޫޕް
ޚުލާސާ

އެންސިސްގެ މަސް ކާރުހާނާއަކީ ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ގާބިލުކަން ހުރި ތަނެއް.

އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ހަފާދައިވާ މަސް ކާރުހާނާ ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް ވިއްކުމަށް މަޝްވަރާކުރަން ފަށައިފި އެވެ.

އެންސިސްގެ މަސް ކާރުހާނާއަކީ ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކުން 25 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނެއް ނަގައިގެން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ހުޅުވި ތަނެކެވެ. ނަމަވެސް 2023 ގެ ފަހުކޮޅުން ފެށިގެން އެތަން ހުންނަނީ ބަންދުކޮށްފަ އެވެ.

އެންސިސް އިން އޭރު ބުނެފައިވަނީ މަސް ކާރުހާނާ ބަންދުކުރީ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުގައި 17 ރުފިޔާ އިން 25 ރުފިޔާއަށް ކުއްލިއަކަށް މަސް ކިލޯއެއްގެ އަގު ބޮޑުކުރުމުން، އެ އަގުގައި މަސް ގަނެގެން ފައިދާގައި މަސް ކާރުހާނާއެއް ހިންގުމަކީ ކުރެވޭނެ ކަމަކަށް ނުވާނެތީ ކަމަށެވެ.

އެންސިސްގެ ޗެއާމަން މުހައްމަދު ވަސީމް އިސްމާއިލް މިއަދު ވިދާޅުވީ އެ ކުންފުނީގެ މަސް ކާރުހާނާ ގަންނަން މިފްކޯއިން ޝާއުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ވަކި ގޮތަކަށް އަދި އެއްބަސްވެފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެންސިސްގެ މަސް ކާރުހާނާ ވިއްކާލަން މަޝްވަރާކުރަނީ ކޮން އަގަކަށް ކަމެށްވެސް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން މިފްކޯއިން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެންސިސްގެ މަސް ކާރުހާނާއަކީ ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ގާބިލުކަން ހުރި ތަނެކެވެ. އެ ކާރުހާނާއިން ދިޔައީ ތަފާތު ވައްތަރުތަކުގެ މަސް ދަޅު އުފައްދައި ބޭރުގެ މާކެޓުތަކަށްވެސް ވިއްކަމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%