ރާއްޖޭގެ ހަބަރާއި މައުލޫމާތު ހިލޭ ލިބޭނެ ގޮތަށް ގައުމީ ނިއުސް އެޖެންސީއެއް ގާއިމުކުރުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީނެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ގިނަ ހަބަރާއި މައުލޫމާތު، ފޮޓޯއާއި ވީޑިއޯއާ އެކު ފަސޭހައިން ލިބޭނެ ޑިޖިޓަލް ޕޯޓަލްއެއް ގާއިމުކުރުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މި ނިއުސް އެޖެންސީގެ ހިދުމަތަކީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހިލޭ ލިބިގެންދާނެ ހިދުމަތެއް ކަމާއި، މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ފޯރުކޮށްދެވޭނީ މިނިސްޓްރީއާ ގުޅިގެން ވުޒާރައިގެ ބައިވެރިވުން އޮންނަ ގޮތަށްކަމަށެވެ.






