މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސް އަންނަ އަހަރުގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އަންނަ އަހަރުގެ މެދުތެރޭގަ ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީން އެންމެ ފުރަތަމަ ކޮންގްރެސް ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 15 ގެ ކުރިން ބޭއްވުމަށެވެ.
ނަމަވެސް މިރޭ ކުރިއަށްގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހެޅުމާ އެއްގޮތަށް ކޮންގްރެސް ބާއްވާ ތާރީހު ބަދަލުކުރީ އެ ބައްދަލުވުމަށް ވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 45 މެމްބަރުންގެ ތާއީދާއި އެކުގަ އެެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުން މި ކޮންގްރެސް ވެގެންދާނީ އަންނަ އަހަރުގެ އެންމެ ޝައުގުވެރި ސިޔާސީ ހަރަކާތަށެވެ. މި ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރޭގައި ބާއްވަން ނިންމި ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާރީހަކާއި ތަނެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.