އިސްރާއީލު ޗާޓުގައި ޣައްޒާ ހިމަނައި ޓީޝާޓުތައް ބަހަން ފަށައިފިއެވެ.
މި ޓީޝާޓްތައް ޓެލް އަވީވް އާއި ޤުދުސް ފަދަ ސިޓީތަކުގެ އިތުރުން މުޅި އިސްރާއީލުގައި އާއި އެމެރިކާގައި ވެސް ބަހަމުންދާ ކަމަށް ޚަބަރު ލިބެއެވެ.
ލޯކަލް މީޑިއާ އާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައިވާ ގޮތުން މިއުޒިކް ފެސްޓިވަލްތަކާއި، އައިޑީއެފް އަށް ތާއީދުކުރާ އެއްވުންތަކާއި، ސްކޫލްތަކުގެ އެއްވުންތަކުގައި މި ޓީޝާޓު ލުމަށް އިސްރާއީލުގެ ސިޔާސީ ފަރާތްތަކުން ދަނީ ބާރު އަޅަމުންނެވެ.
ބައެއް އޮންލައިން ޕްލެޓްފޯމުތަކުގައި ވެސް ބައިނަލްއަގްވާމީ ފެންވަރުގައި މި ޑިޒައިން ވިއްކަމުންދާއިރު، މި ކަމުގެ ބޭނުމަކީ ޣައްޒާ އަކީ އިސްރާއީލުގެ ބިމެއްގެ ގޮތުގައި މީހުންނަށް ޤަބޫލުކުރެވޭ ގޮތަށް ހިތް ޖެއްސުމެވެ.
އިސްރާއީލުން މިވަގުތު ދަނީ ކިލަނބުވެފައިވާ އެ ޤައުމުގެ ނަން “ރީތިކުރުމަށް” އެމެރިކާގެ ސޯޝަލްމީޑިއާ އިންފްލުއެންސަރުންނަށް ފައިސާ ވެސް ދެމުންނެވެ. އެގޮތުން ކޮންމެ ޕޯސްޓަކަށް 7000 އެމެރިކާ ޑޮލަރު ދެމުން އެބަ ދެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނީ ޣައްޒާ ހަނގުރާމަ ހުއްޓޭނީ ޙަމާސް އިން ހަތިޔާރުތައް ނައްތައިލި ދުވަހަކުން ކަމަށެވެ. އަދި އެކަން ޙަމާސް އިން ނުކޮށްފި ނަމަ ނިމުން ވަރަށް “ހިތި” ވާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ ޙަމާސް އަށް އިންޒާރު ވެސް ދީފައެވެ.
އިސްރާއީލަށް ފަލަސްޠީނުގެ ފުރިހަމަ ކޮންޓްރޯލް ލިބޭ ގޮތަށް 20 ނުކުތާގެ މައްޗަށް ހިމެނޭ ޕްރޮޕޯސަލެއް ވެސް ޓްރަމްޕް ވަނީ ހުށަހަޅާފައެވެ. އެ ޕްރޮޕޯސަލްގައި ވާ ގޮތުން ޙަމާސް އަށް ޖެހޭނީ ހަތިޔާރުތައް ބަހައްޓައި މުޅި ޣައްޒާ އިސްރާއީލުގެ ޕަޕެޓެއްގެ ގޮތުގައި އޮތުމަށް ދޫދޭށެވެ.
ޓްރަމްޕް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ވަގުތުން ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި، 72 ގަޑިއިރުގެ ތެރޭގައި ރަހީނުކޮށްފައިވާ ހުރިހާ މީހުން އަނބުރާ ގެނައުމާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ދޫކޮށްލުމާއި، މަރުޙަލާތަކަކަށް ބަހާލައިގެން އިސްރާއީލުން މަޑުމަޑުން ޣައްޒާގެ ބިމުން ފޭބުމާއި، ޣައްޒާގައި ހަތިޔާރު އެޅި ބަޔަކު ނުތިބުމާއި، އިސްރާއީލަށް ގެއްލުން ނުދޭނެ ކަމަށް ބުނާ ޙަމާސްގެ ހަނގުރާމަވެރިންނަށް މަޢާފު ދިނުން ނުވަތަ އެހެން ޤައުމަކަށް ބަދަލުކުރުމާއި، ޣައްޒާގެ ބިމުގައި ވެރިކަން ކުރުމަށް ޙަމާސް އަށް އެއްވެސް މިންވަރެއް ލިބިގެން ނުވުމާއި، ފަލަސްޠީނުގައި އެންމެން ރުހޭ (ޙަމާސް ނުހިމެނޭ) ގޮތަށް ވެރިކަމެއް އުފެއްދުމާއި، އިންސާނީ އެހީ ލިބޭނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމާއި، ބޯޑަރުތައް އަލުން ހުޅުވުމާއި، ޣައްޒާ އަލުން ބިނާކުރުމާއި، ޣައްޒާގެ ކޮންޓްރޯލް އިސްރާއީލުން ބެލެހެއްޓުމާއި، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނުނެރުމަށާއި، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީ ފުޅާކުރުމުގެ މައްސަލަ މަޑުޖެއްސުން ފަދަ ކަންތައްތައް ހިމެނެއެވެ.
ޓްރަމްޕްގެ މި 20 ޕޮއިންޓަށް ޙަމާސް އިން އަދި ވަކި އެއްޗެކޭ ނުބުނެއެވެ.