ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ކޮމިޓީގައި މި ބިލު ފާސްކުރީ އެއްވެސް އިތުރު ބަދަލެއް ނުގެނެސް، 51 މެންބަރުންގެ ވޯޓާ އެކު އެވެ. މި ބިލާ ދެކޮޅަށް އެމްޑީޕީގެ އަށް މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ސިޓީ ކައުންސިލްތަކާއި، އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން އަދި މިނޫންވެސް ބައެއް އިދާރާތަކުން މި ބިލް ފާސްނުކޮށް، އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފަ އެވެ.
އާންމުންގެ ހިޔާލު މި ބިލަށް ހުށަހެޅުމަށް ދީފައިވަނީ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެކެވެ. އެކަމަކުވެސް ބައެއް ޖަމިއްޔާތަކާއި، ޕާޓީތަކާއި ކައުންސިލްތަކުން އެ މުއްދަތުގައި ބިލާ މެދު ދެކޭ ގޮތް މަޖިލީހާ ހިއްސާ ކުރި އެވެ.
މި ބިލަކީ ގާނޫނު ނަންބަރު 7/2010 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަމުގެ ގާނޫނު އަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެކެވެ. މި ބިލުގެ ދަށުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އެ ގާނޫނުގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ ވަކިކަހަލަ ޝަރުތުތަކެއް ފުރިހަމަވާ މަސައްކަތްތަކެއް ކަމުގައި ވާންޖެހޭނެކަމަށް މިބިލުގައި ވަނީ ފާހަގަކޮށްފަ އެވެ. ގާނޫނުގެ 70 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރަން ވަނީ ނިންމައިފަ އެވެ. އެއީ (ޅ) އަދި (ކ) އެވެ.
އެގޮތުން މި ގާނޫނުގެ 70 ވަނަ މާއްދާގެ (ޅ) އަށް އިތުރުކުރުމަށް ބިލުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
- އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން.
- އެ މަސައްކަތުގެ އިންވެސްޓްމެންޓް އަދަދު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވުން
އަދި މި ގާނޫނުގެ 70 ވަނަ މާއްދާގެ (ކ) އަށް އިތުރުކުރުމަށް ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ގާނޫނަށް އިސްލާހު ގެނެސް މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންޖެހޭނެއެވެ.
މި ގާނޫނުގެ 75 ވަނަ މާއްދާގެ (ނ) ގެ ފަހަތަށްވެސް އަކުރެއް އިތުރުކުރަން ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން މި މާއްދާގެ (ށ)ގެ (9) ވަނަ ނަމްބަރު އަދި (12) ވަނަ ނަމްބަރު މާއްދާގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެ ކަމަށް މިބިލުގައި ވަނީ ފާހަގަކޮށްފަ އެވެ.
މި ގާނޫނުގެ 79 ވަނަ މާއްދާގެ (ނ) އިސްލާހުކުރަން ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން މި މާއްްދާގެ (ހ) ގެ (1) ވަނަ މާއްދާގައި ބަޔާންކުރާ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތައް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަށްވާ ފައިސާއާއި، މި ގާނޫނުގެ 69-1 ވަނަ މާއްދާގައި ބަޔާންކުރާ އާންމު ހިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދުކަމަށް މި ބިލުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުންވެސް މި ގާނޫނުގެ 100 އަދި 144 އަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މި ބިލުގައި ވަނީ ހިމަނާފަ އެވެ.