ޖަރުމަނުގެ ކުލަބަކަށް ބައިމިލިއަން ޔޫރޯއަށް ގެނައި އިސްރާއީލުގެ ޤައުމީ ޓީމުގެ ފޯވާޑް މެޑިކަލް ވެސް ހެދި ފަހުން، ސަޕޯޓަރުންގެ ޕްރެޝަރާއި ހެދި ކޮންޓްރެކްޓުގައި ސޮއި ނުކޮށް ފޮނުވާލައިފިއެވެ.
އިސްރާއީލުގެ ޤައުމީ ޓީމަށް 33 އެސިސްޓާއި 6 ގޯލް އަދި ކުލަބު ލެވެލްގައި 304 އެސިސްޓާއި 99 ގޯލް ޖަހާފައިވާ 29 އަހަރުގެ ޝޮން ވައިސްމަން ޖަރުމަނުގެ ފޯޓޫނާޑޫސެލްޑޯފަށް ސޮއިކުރުން ކުޑަތަން ވެފައި ވަނިކޮށް އެކަން ކެންސަލް ކުރީ އޭނާ އަކީ ދުނިޔޭގެ ޗާޓުން ޣައްޒާ ފޮހެލުމަށާއި އަދި ޣައްޒާއަށް 200 ޓަނުގެ ބޮމެއް ވައްޓައިލުމަށް ގޮވާލި މީހެއް ކަމަށް ބުނެ ސަޕޯޓަރުން އޭނާ އާއި ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ.
އޭނާ އަކީ ސްޕެއިންގެ އިތުރުން އޮސްޓްރިއާގެ ކުލަބަކަށް ވެސް ކުޅެފައިވާ މޮޅު ފޯވާޑެކެވެ.
އިސްރާއީލުގެ ޒައެނިސްޓުން އެތައް އަހަރެއް ވަންދެން ފަލަސްޠީނު ރައްޔިތުން ޝަހީދުކުރަމުންދާ މައްސަލައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކާއި ގުޅިގެން ވައިސްމަން ވަނީ ސޯޝަލް މީޑިއާގައި ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ވަރަށް ބޮޑަށް ކެމްޕޭނު ކޮށްފައެވެ. ނަމަވެސް މައްސަލަ ގޯސް ވުމުން ފަހުން އޭނާ އެ ޕޯސްޓުތައް ޑިލީޓް ކުރިއެވެ.