އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަނުކޮށްފި

މުހައްމަދު ޖަމްޝަތު | 7 ދުވަސް ކުރިން - 6 އޯގަސްޓް 2025 13:23
ޣަނީ އައްޔަން ކުރުމަށްފަހު އޭނާއާ މަގާމުގެ ފަތްކޮޅު ހަވާލު ކުރަނީ---ފޮޓޯ:ރައީސް އޮފީސް
ޣަނީ އައްޔަން ކުރުމަށްފަހު އޭނާއާ މަގާމުގެ ފަތްކޮޅު ހަވާލު ކުރަނީ---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

އުއްތަަމަ ފަނޑިޔާރަކަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނީ ޣަނީ އަށް

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަން ކޮށްފި އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ ހަމަޖެއްސެވީ ގާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ. މި ރަސްމިއްޔާތުގައި ޣަނީ އަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު ޣަނީ ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރު ޣަނީ ވަނީ 2،000 ވަނަ އަހަރު އަލް އަޒްހަރު ޔުނިވަސިޓީން އެލްއެލްބީ (އޮނަސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި މާސްޓަސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން ފުރިހަމަ ކުރައްވާފަ އެވެ. އަދި ޑޮކްޓަ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.

މި މަގާމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް އެ މަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން އިސްލާމިކް އުނިވަސިޓީ އޮފް މޯލްޑިވްސްގެ ސީނިއަ ލެކްޗަރާ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ. އެ މަނިކުފާނުގެ ހިދުމަތުގެ ދިގު ތާރީހުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވާފައިވާކަން ފާހަގަކޮށްލެވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%