ރާއްޖެއަށް ބަލާއިރު، ވިޔަފާރިތަކުން ނަގަނީ ބޮޑު ޓެކްސްއެއް ނޫންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ސަލީމް މި ބީދައިން ވިދާޅުވެފައިވަނީ ޖަލު އަދަބާއި ބޮޑެތި ޖޫރިމަނާތައް ކުރާ ގޮތަށް ޓެކްސް ގާނޫނު ހަރުކަށި ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑުބައެއް ޓެކްސްގެ ތެރެއިން ދައުލަތަށް ނުލިބިވާކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ޓެކްސްގެ ފައިސާއިން ދައުލަތަށް 15 ބިލިއަން ރުފިޔާ ނުލިބިވާކަން ސަލީމް ވަނީ ވިދާޅުވެފަ އެވެ.
"ޓެކްސް ދައްކާ މީހުން ދައްކާ، އެހެންނަމަވެސް ޓެކްސްއަށް މަކަރުހަދާ މީހުން މަކަރުހަދާ، އޮޅުވާލާ މީހުން އޮޅުވާލާ. އަދި ޓެކްސް ނުދައްކާ މީހުން ގަސްތުގައި ޓެކްސް ނުދައްކާ. މީގެ ސަބަބުން ދައުލަތް ހިންގުމަށްޓަކައި ލިބެންޖެހޭ ފައިސާ ވަރަށް ބޮޑުތަން ކޮންމެ އަހަރަކުވެސް މިދަނީ އުނިވެގެން". ސަލީމް ވިދާޅުވި އެވެ.
ޓެކްސް ބިލް ރާއްޖޭގައި ތައާރަފުކުރީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި އެހެންނަމަވެސް އެ މަގުސަދު ހާސިލުނުވަނީ ޓެކުހަށް މަކަރުހަދާ މީހުން އިތުރުވުމާއި ޓެކްސް ބަރާބަރަށް ނުދައްކާ މީހުން ގިނަވުމުގެ ސަބަބުން ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ. އަދިހަމައެހެންމެ، ގަވާއިދެއް އާންމުކޮށްފިނަމަ އެޔަށް އަމަލުކުރަން ޖެހޭނެކަމަށް ސަލީމް ވިދާޅުވި އެވެ.
ރާއްޖޭގައި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑު ނޫންކަން ފާހަގަކުރައްވާ ސަލީމް އިތުރަށް ވިދާޅުވެފައިވަނީ ބޭރުގެ އެހެންގައުމުތަކުގައި ވިޔަފާރިތަކުން ޓެކުހުގެ ގޮތުގައި 50 އިންސައްތަ ނަގާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑެއް ނޫންކަމަށާއި އެހެންނަމަވެސް ރާއްޖޭގައި ވިޔަފާރިތަކުން ނަގާ ޓެކްސް ހުރީ ރާއްޖެއަށް ފެތޭވަރަށްކަން ސަލީމް ވަނީ ވިދާޅުވެފަ އެވެ.
ސަލީމްގެ ވާހަކާގައި އިތުރަށް ވިދާޅުވެފައިވަނީ މި ބިލުގައި ހަރުކަށި އަދަބުތައް ދޭން ކަނޑައަޅާފައި އޮތަސް ބަރާބަށް ޓެކްސް ދައްކާ މީހުންނަށް އެއީ މައްސަލައަކަށް ނުވާނެކަމަށާއި، އެހެންނަމަވެސް ޓެކްސްއަށް މަކަރު ހަދާ، އޮޅުވާލާ މީހުންނަށް މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެކަމަށެވެ.