މަސްތުވާތަކެތި ގެންގުޅެ، އެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން މި ހިނގާ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރުތުކުރުމަށްފަހު އޭގެތެރެއިން އެކަކު ދޫކޮށްލާފަ އެވެ. އަދި މ. އާރު / މާލެ، މުހައްމަދު ލަޔާން އަހްމަދު (21އ) އާއި ކޮކާހަނދުވަރު / މ. މުލައް، އަލީ ނާޒިމް (40އ) ހަތްދުވަހަށް އަދި މ. މޯނިންގވިޔު / މާލެ. އަލީ ނާވީ ނިޔާޒު (23އ) ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.









