ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެއަށް ގެއްލުންދިން މީހާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދީފައިވާ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ/ މ. ސްޓާ، މުހައްމަދު ރަޒީން (49އ) އެވެ. އޭނާ އެމްޑީޕީ ހަރުގެއަށް ގެއްލުން ދީފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އޭނާ ގެއްލުން ދީފައިވަނީ މާލެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދޮރަށެވެ.
މި މައްސަލައާއި ގުޅިގެން މުހައްމަދު ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.









