ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އެސްއޯއީ ކޮމިޓީން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަކިކޮށްފި އެވެ.
ޝުޖާއު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އެސްއޯއީ ކޮމިޓީން ވަކިކޮށްފައި މިވަނީ އޭނާ އަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް ބުނެ ޓުވިޓާގައި ކާކުކަން ނޭންގޭ ގޮތަށް ހިންގަމުންދާ އެކައުންޓެއްކަމަށްވާ "ހަސަން ކުރުސީ" އެކައުންޓުން ލީކުކޮށްލާފައި ވަނިކޮށެވެ.
މި މައްސަލަ ފެންމަތިވުމާއި އެކު ޝުޖާއު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށް ބަދަލުކޮށްފަ އެވެ. ޝުޖާއުގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސަވާފައިވަނީ ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު އެވެ. މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވެސް ޝުޖާއު ވަނީ ވަކިކޮށްފަ އެވެ. ޝުޖާއު ވަކިކޮށް އޭނާގެ ބަދަލުގައި އެސްއޯއީ ކޮމިޓީއަށް ހަމަޖައްސަވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު އެވެ.
ޝުޖާއު އާއި އޭނާގެ އާއިލާތަކާ ގުޅިފައިވާ އެކައުންޓުތަކަށް 42 މިލިއަން ރުފިޔާ ލިބިފަވާކަމަށް ސޯޝަލް މީޑިޔާގައި ލީކުކޮށްލާފައިވާ ރިޕޯޓުތަކުން ދައްކަ އެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން މި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.






