ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގެ މަރުހަލާގައި، ހޯމް މިނިސްޓަރު އަލީ އިހުސާނަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރުހުން ދެއްވުމަށް ނިންމެވި ނިންމެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ތާއީދެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.


މެންބަރު ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިހުސާނަށް އެމްޑީޕީން ތާއީދުކޮށް ވޯޓު ދެއްވުމުން ދޭހަވަނީ، ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް، އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުގެވެސް ތާއީދު އޮތްކަމެވެ. ހަމައެހެންމެ، ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް މިނިސްޓަރު އިހުސާން ކުރައްވަމުން ގެންދަވާ ހަލުވި މަސައްކަތްޕުޅުތަކަކީ ގައުމީ ފެންވަރުގައި ބަލައިގަނެވޭ ކަންކަންކަން މި ވޯޓުން ހާމަވާކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވި ގޮތުގައި، ގައުމަށް މުހިންމު މިފަދަ ކަންކަމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވިސްނުންފުޅަށް މިފަދަ ހެޔޮ ބަދަލެއް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެކެވެ. "އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިފަދަ ހެޔޮވިސްނުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް. ސިޔާސީ މަސައްކަތުގައި މި ކޮލިޓީ ހުންނަންވާނެ،" ޝުޖާއު ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާނަށް ލިބުނު މި ބޮޑު ތާއީދަކީ، ގައުމުގެ ދާހިލީ ސަލާމަތް ރައްކާތެރިކުރުމަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުކުރުމަށް ސަރުކާރުން ކުރަމުންދާ އިހްލާސްތެރި މަސައްކަތަށް ލިބުނު ފެހި ސިގްނަލެއްގެ ގޮތުގައި ޝުޖާއު ސިފަކުރެއްވި އެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް ގައުމީ މަސްލަހަތު އިސްކުރުމަކީ ރާއްޖޭގެ ސިޔާސީ މާހައުލަށް އަންނަންޖެހޭ ހެޔޮ ބަދަލެއްކަމަށް އޭނާ ވިދާޅުވި އެވެ.






