ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދިނުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށައަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
މި އިސްލާހުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހްތިޔާރު މީރާއަށް ލިބިދިނުމާއި، އެކަމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމެވެ. އަދި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހުކުރުމުގެ އިތުރުން ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުމަށް ގާނޫނު އިސްލާހުކުރުން ހިމެނެ އެވެ.
މި އިސްލާހުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ދީފައިވަނީ ބަނޑާރަނައިބުގެ ބަދަލުގައި މީރާއަށެވެ. އަދި އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް، ހަ މަސް ދުވަހާ ހަމައަށް ގޭބަންދުކުރުމާއި 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް މި އިސްލާހުގައިވެ އެވެ. އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނައިފަ އެވެ.
އެ ބިލުގައިވާ ގޮތުން، މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ވެސް ވަނީ ބަދަލުކޮށްފަ އެވެ. މިގޮތުން، މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުންނެވެ.
މީގެ އިތުރުން ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފަ އެވެ. މިގޮތުން، ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅައިފަ އެވެ.
މީރާ އިން ފޮނުވާ ނޯޓިސްތައް ރައްދުކުރުމުގައި މިހާރު ދިމާވާ ދަތިތައް ވެސް މި އިސްލާހުގެ ދަށުން ވަނީ ހައްލުކޮށްދީފަ އެވެ. މީރާއަށް ދީފައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެ ނޯޓިހެއް ނުވަތަ ލިޔުމެއް ފޮނުވާ ތާރީހުން ފެށިގެން، އެ ލިޔުން ފޮނުވާ ފަރާތަށް ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް އާ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.