ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އެކަމަށް ފައިސާ ހޯދާނެ ގޮތާއި، ދަރަނި ދައްކާނެގޮތުގެ ހުރިހާ މަޝްވަރާތަކެއް ކޮށްގެން ރައީސް ޔާމީނުގެ ދައުރުގައި ފެށި މަސައްކަތެއްކަމަށާއި ދިވެހި އިގުތިސާދީ މައިދޮރާށިކަމަށް ވެލާނާ އެއާޕޯޓު ވާއިރު އެފަދަ ހަރުމުދަލެއް ތަރައްގީކުރުމަށް ދަރަނި ނެގުމަކީ ރާއްޖެ ދަރަނިވެރިވުންކަމަށް ދެކުމަކީ ވަރަށް ހަނި ވިސްނުމެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އިތުރު ހަރުފަތްތަކަކަށް ގެންދާނެ އުމްރާނީ ތަރައްގީގެ މި ބިޔަ މަޝްރޫއަކީ މުޅި ގައުމު ދަރަނިވެރިވި މަޝްރޫއެއްކަމަށް ދައްކާ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި ވީއައިއޭ މަޝްރޫއަކީ ރާއްޖޭގެ ދަރަންޏަށް ހިއްސާވާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި ވީއައިއޭގެ ތަރައްގީކުރުމަށް ބޭނުންވާ ހުރިހާ ފައިސާއަކާއި ކޮންޓްރެކްޓަރާއި ހުރިހާކަމެއް ހަމަޖެހިފައި އޮތްއިރުވެސް އިދިކޮޅު އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައިރުވެސް ހަމައެކަނި ޓާމިނަލުގެ މަސައްކަތް ނިންމާނުލެވުމުން އެނގިގެންދަނީ އެމްޑީޕީން ގައުމާއި ދޭތެރޭ އިހްލާސްތެރިކަމެއް ނެތްކަން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ހައިރާންވޭ ޖީއެމްއާރަށް، އެއަރޕޯޓު ދިން ބޭފުޅުން، އޯވަ ނައިޓުގަ އެއްޗެހީގެ އަގު ބޮޑުކުރި ބޭފުޅުން، އެނބުރި ވީއައިއޭ އަކީ ދަރަނީގެ ކޮންޓްރިބިއުޝަނަކޭ ބުނާތީ. އެއީ އެއްވެސް ހަގީގަތެއް އޭގައި އޮތް ވާހަކައެއް ނޫން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ހުންނަވައިގެން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެ ސަރުކާރުން ފެށީ ރާއްޖޭގެ މައި ދޮރާށީގެ ކެޕޭސިޓީ ލިމިޓުވެފައި އޮތް އޮތުން ނިންމާލަން ކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށެވެ. އަދި އެ މަޝްރޫއު ފެށީ އެ މަޝްރޫއަށް ނަގާ ލޯނު އެތަނަށް ލިބޭ އާމްދަނީން ދެއްކޭނެކަމަށް ފަންނީ ބޭފުޅުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ ދަރަނި ދެއްކޭނެ އިންތިޒާމެއް ނެތި ނިމިދިޔަ ދައުރުގައި 40 ބިލިޔަން ރުފިޔާގެ ދަރަންޏެއް އުފައްދާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އޭރު މަޝްރޫއުގެ މަސައްކަތުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ކަވި، ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހިވަޑައިގަތްކަން ސައީދު ފާހަގަކުރެއްވި އެވެ.