ޕެންޝަން ފަންޑުން ފްލެޓުތަކަށް ޑިޕޮސިޓް ފައިސާ ދެއްކޭގޮތް ހަދަނީ

އަައިޝަތު ޒީނާ | 76 ދުވަސް ކުރިން - 4 އޯގަސްޓް 2025 23:45
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ. / ފޮޓޯ: ސަން
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ. / ފޮޓޯ: ސަން
ޚުލާސާ

ހަމްދާން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނިޔަލަށްވެސް ޑިޕޮސިޓް ފައިސާ ނުދެއްކޭ ފަރާތްތަކަށް ޕެންޝަން ސްކީމު މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަަމަޖެހޭގޮތް މެދުވެރިކޮށްދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަކަމަށް.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ފްލެޓުތަކަށް ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން މިފަދައިން ވިދާޅުވެފައިވަނީ އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުންނެވެ.

ހަމްދާން ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޕެންޝަން އެޑްމިނިސްޓްރޭޝަންއާ ބައްދަލުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ޕެންޝަން ހުންނަވާ ބޭފުޅުން އެބޭފުޅުންގެ ޕެންޝަން ފަންޑު މެދުވެރިކޮށް ޑިޕޮސިޓް ދެއްކޭނެގޮތެއް މަގުފަހިކުރުން ކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ޑިޕޮސިޓް ފައިސާ ދައްކަން ވަކި މުއްދަތެއް ނޯންނާނެ ކަމަށެވެ. އަދި އެމީހަކަށް ދެއްކުނު ދުވަހަކުން ޑިޕޮސިޓް ފައިސާ ދެއްކުމުން ފުލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މިހާރުން މިހާރަށް ޑިޕޮސިޓް ފައިސާ ދެއްކި ނަމަވެސް ކަރަންޓާއި ފެނުގެ މަސައްކަތްތައް ފުރިހަމަވެފައި ނެތުމުން ދިރިއުޅުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމަށެވެ.

“ރާވާލާފައި އޮތީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ހުރިހާ މަސައްކަތްތައްވެސް އެކީ އެކައްޗަކަށް ނިންމާލަން. އެހެންވީމަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ފައިސާ އެފްޑީސީއަށް ދައްކާ ފަރާތްތަކަށް އެހާ ހިސާބުން މޫވް އިން ކުރެވޭނެ،" ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނިޔަލަށްވެސް ޑިޕޮސިޓް ފައިސާ ނުދެއްކޭ ފަރާތްތަކަށް ޕެންޝަން ސްކީމު މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަަމަޖެހޭގޮތް މެދުވެރިކޮށްދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޑިޕޮސިޓް ފައިސާ ނުދެއްކުނު ކަމުގައިވީ ނަމަވެސް، ފްލެޓު އެގްރީމަންޓުގައި ސޮއިކުރުމަށްފަހު އިތުރު ފަރާތަކަށް ފުލެޓު ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ހަމްދާން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރަމުން އަންނަ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ.

އެފްޑީސީން މިހާރު އަންނަނީ މި ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް އެފްޑީސީން ޖުމްލަ 232 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެފްޑީސީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަލްކޮ

75 ދުވަސް ކުރިން - 07:35

ފްލެޓް ލިބިފައިވާ ފަރާތަކީ ޕެންސަން ފަންޑްގައި އެ ދެއްކޭވަރަށް ފައިސާ ނެތް ފަރާތެއް ނަމަ އަނބި ނުވަތަ ފިރިމީހާގެ ޕެންސަން ފަންޑުން މި ފައިސާ ދެއްކޭނެބާ؟