އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ހުރި ދެ ބުރީގެ އިމާރާތް ތަޅާލުމަށްފަހު އެތަނުގައި އާ އިމާރާތެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އިސްކަންދަރު ސްކޫލުގެ ބާ އިމާރަތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާބެހޭ ފަރާތްތަކާއި މާހިރުން ސާވޭ އެއް ހެދުމަށްފަހު، މިދިޔަ އަށް އަހަރުގެ ތެރޭގައި ދެ ފަހަރުގެ މަތިން އެންގި ކަމަށްވެ އެވެ. އެހެންކަމުން އެ އިމާރާތުގެ ފުރަތަމަ ބުރި ބޭނުން ކުރަމުން އައީ ގުދަނެއްގެ ގޮތުގަ އެވެ.
އެހެންކަމުން ނުވަ އަހަރަށްފަހު މީގެ 64 އަހަރު ކުރިން އިމާރަތްކުރި އިސްކަންދަރު ސްކޫލުގެ އޭ ބްލޮކްގައި ހުރި އިމާރަތް ތަޅާލާފައި ވަނީ ނިމިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިސްކަންދަރު ސްކޫލުގެ އާ އިމާރާތުގެ ސަބަބުން ކްލާސްރޫމްތައް މަދުވެ، މެނޭޖު ކުރުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
އިސްކަންދަރު ސްކޫލުގައި ދެ ހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެ އެވެ. އޭ ބްލޮކްގައި ހުރި އިމާރަތް ތަޅާލުމުން މިހާރު ކިޔަވާދެމުން އަންނަނީ ބީ ބްލޮކާއި ސީ ބްލޮކްގަ އެވެ. އެހެންނަމަވެސް އެ ދެ ބްލޮކްގެ އިމާރާތްތަކުގެ ބައެއް ތަންތަނުގައި ރެނދުލާފައިވާ ކަމުގެ ކަންބޮޑުވުން ވެސް ބެލެނިވެރިން މީގެ ކުރިން ފާޅުކޮށްފައިވެ އެވެ.
އިސްކަންދަރު ސްކޫލުގެ ކުރީގެ އިމާރާތުގައި ހަތް ކްލާސް ރޫމް ހުރިނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އާ އިމާރާތުގައި ޖުމުލަ 21 ކުލާސްރޫމް ހިމެނުމަށެވެ.









