އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުންދީފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެ މަގާމަށް ޣަނީގެ އިތުރުން އިތުރު ދެބޭފުޅަކުވެސް ކުރިމަތިލެއްވިއެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ޖޭއެސްސީން ކުރިއަށްގެންދިޔަ އިންޓަވިއުތަކަށް ފަހުގައި މާކްސް ދީފައިވާ ގޮތުން އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް އަށް ލަފާއަރުވަން "ހައިލީ ރިކޮމެންޑެޑް" ވަނީ ލިބިވަޑައިގެންފައެވެ. އަދި އަބްދުﷲ އަށް "ރިކޮމެންޑެޑް" ލިބިވަޑައިގެންނެވި އިރު، ޝުޖާއު އަށް ލިބިވަޑައިގެންނެވީ ތިންވަނަ އެވެ.
އުއްތަމަ ފަނޑިޔާރަކު އައްޔަންކުރުމާއި މެދު ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިއަދު ފޮނުވުމުން އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކުރީ އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރުމަށެވެ. ނަމަވެސް އެކަމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ޣަނީ އަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑިޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ޣަނީ ވަނީ ކުރައްވާފައެވެ. ޖޭއެސްސީގެ ރައީސްކަންވެސް ޣަނީ ކުރައްވާފައިވާއިރު މިވަގުތު އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.
ޝުޖާއު އަކީ ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވަނިކޯށް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުއެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް 2020 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުއްވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
އަބްދުﷲ އަކީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީކަންވެސް ކުރައްވާފައެވެ.