ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ފުޅިތަކެއް ނައްތާލައިފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ތަކެއްޗަކީ އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ތަކެތި ކަމަށެވެ. އެގޮތުން ނިމިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ފުލުހުން 299 ފުޅި ބަނގުރަލާއި 193 ދަޅު ބިޔަރު ނައްތާލާފައިވާ ކަމަށާއި، އަދި މިތަކެތި ފެނިފައިވަނީ ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓެޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލާވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.