ޢައްޒާ އަށް އެހީތެރިވުމުގެ ނަމުގައި މުއްދަތު ހަމަވެފައިވާ ކާނާއާއި މުޅިން ކުނިވެ ފުޅަވެފައިވާ ޒާތުގެ ކާއެއްޗެހީގެ ޕެކެޓްތައް ވައިގެ މަގުން އަޅަން ފަށައިފިއެވެ.
ޢައްޒާ އަށް އެހީ ފޯރުކޮށްދޭ ތުރުކީވިލާތުގެ ޖަމާޢަތެއް ކަމަށްވާ އީހާހާ އިން ކަށަވަރުކޮށްދިން ގޮތުގައި މިހާރަކަށް އައިސް އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ވައިގެ މަގުން ކުނިވެފައިވާ ކާނާ އަޅާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން، އެމެރިކާ އަދި ޔޫރަޕްގެ ބައެއް ޤައުމުތައް ހިމެނެއެވެ.

އެހީގެ ނަމުގައި ވައިގެމަގުން ޣައްޒާ އަށް އަޅާފައިވާ ކުނިވެފައިވާ މާނަތަކެއް މީހަކު ނަގައިގެން / ފޮޓޯ: އީހާހާ
"ސްޕެއިނުން އިއްޔެ ނޫން ކުރީ ދުވަހުވެސް އެޅީ ކުނިވެފައިވާ ކާއެއްޗެހި. އެ މީހުން ހުންނަނީ ވަރަށް ރީއްޗަށް އެތެރެ ނުފެންނަހެން ޕެކެޓުތަކުގައި ބަންދު ކޮށްފައި. ޖޯޑަންގެ މަގުން ހިފައިގެން އައިސް ޣައްޒާއަށް މި އަޅަނީ (ކުނިވެފައިވާ ކާއެއްޗެހި)، ދެން މީހުން ހީކުރަނީ އެ މީހުން ޣައްޒާއަށް އެހީތެރިވަމުންދާ ކަމަށް" އީހާހާގެ ބޭފުޅަކު ޚުލާސާގެ ރިޕޯޓަރެއްގެ ގާތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައިގެ މަގުން ގާތްގަނޑަކަށް 12ޓަނުގެ ކާނާ (11،000 މީހުންނަށް ކާންދިނުމަށް ގާތްގަނޑަކަށް 5،500 ރޭޝަން ޕެކް) މިހާތަނަށް ވައްޓައިލި ކަމަށެވެ.
ވައިގެ މަގުން ކާނާ ފޯރުކޮށްދިނުމަކީ ޚަރަދުގެ ގޮތުން ބަލާއިރު 100 ގުނަ އަގުބޮޑު ކަމެއް ކަމަށާއި ގިނަ ފަހަރަށް އޭގެ ނަތީޖާ ވެސް ގޮސް ކަމަށް އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުން އިއްތިފާޤުވެއެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިދޭރެއަކުން އެމެރިކާއިން ޣައްޒާ އަށް އެހީގެ ނަމުގައި ފޮނުވި ފުށް ޝިޕްމެންޓުގައިވާ ފުށް ބަސްތާތަކުގައި ފުރާނައަށް ގެއްލުންދޭ ބޭހެއް ވެސް މިކްސް ކޮށްފައިވާ ކަމަށް ވަނީ ޚަބަރު ލިބިފައެވެ.









