މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައިފި އެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރުކުރަމުން ދިޔަ ''އަލްމަޖްރާ'' ނަމަކަށް ކިޔާ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ އަޑިއަށް ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 05:34 ހާއިރުކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ފުލުހުންނަށް މި ރިޕޯޓް ލިބުމާއި ގުޅިގެން، ވ. އަތޮޅު ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރު ފެލިދޫއަށް ގެންދެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ތިން މީހުންގެ ހާލު ވެސް ޖުމުލަ ގޮތެއްގައި ރަނގަޅުކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

ފުލުހުން މި ހާދިސާއާއި ގުޅިގެން އިތުރަށް ބުނެފައިވަނީ އެ ދޯނި އަޑިއަށް ދިޔައިރު، ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް ދޯނިން ދަތުރުކުރި ފަރާތްތަކުން މައުލޫމާތު ދީފައިވާކަމަށެވެ. އެހެންކަމުން އެ ދޯނީގައި ހުރި ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.









