މިފްކޯ ފިހާރައެއް ލަންކާގައި ހުޅުވުމުގެ މަޝްވަރާތައް ކުރިއަށް

އައިޝަތު ރުވާ ރިފްޢަތު | 77 ދުވަސް ކުރިން - 2 އޯގަސްޓް 2025 22:49
މިފްކޯ މަސްފިހާރަ/ ފޮޓޯ: ޚުލާސާ
މިފްކޯ މަސްފިހާރަ/ ފޮޓޯ: ޚުލާސާ
ޚުލާސާ

ލަންކާގައި ދިވެހި މަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި އަދި އެ ގައުމުގައި ދިވެހީން އެ ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް މަސްއޫދު ވިދާޅުވި.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ފިހާރައެއް، އަވަށްޓެރި ސްރީ ލަންކާގައި ހުޅުވުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ.

މަސްއޫދު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދަނީ، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައި، ރާއްޖޭގެ ވިޔަފާރިތަކުން ލަންކާގައި އިންވެސްޓް ކުރުމަށް އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.

ދިވެހި ހިކިމަސް ހިމެނޭ ގޮތަށް ރާއްޖޭގެ މަހުގެ އެކި ބާވަތްތަކަކީ ސްރީލަންކާގައި ކުރީއްސުރެ ވެސް ޑިމާންޑް ބޮޑު ބާވަތްތަކެކެވެ. މަސްއޫދު ވިދާޅުވީ ލަންކާގައި ދިވެހި މަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި އަދި އެ ގައުމުގައި ދިވެހީން އެ ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

އެގޮތުން ލަންކާގައި ދިވެހީން ފެކްޓްރީއެއް ހަދައިގެން ރާއްޖޭން ގެންދާ މަސް ޕްރޮސެސް ކުރުމުގެ ފުރުސަތު އެ ގައުމުން ދީފައިވާ ކަމަށް ވެސް މަސްއޫދު ވިދާޅުވިއެވެ. އަދި މިފްކޯއިން ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯ ރޫމެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

"އެބޭފުޅުން ހުށަހަޅުއްވާފައި އެބައޮތް އެކޮޅުގައި، ފެކްޓަރީ ހަދައިގެން ދިވެހިން އޮޕަރޭޓް ކުރާ ގޮތަށްވެސް. މިފްކޯވެސް އެބަ ވިސްނަވާ ސްރީލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައި ޝޯވް ރޫމެއްވެސް ހުޅުވާ ހަދަން. އެބޭފުޅުން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް އޮތީ. ސްރީލަންކާގެ މާކެޓް ވަރަށް ބޮޑުވާނެ ދިވެހި މަހަށް، މޯލްޑިވް ފިޝް އަކީވެސް ސްރީލަންކާ މީހުން ލޭބަލެއް" މަސްއޫދު ވިދާޅުވިއެވެ.

މަސްއޫދު ވަނީ މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ގައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެން ދާނެކަން ފާހަގަ ކުރައްވައިފައެވެ.

ލަންކާގެ މަސްވެރިންނަކީ ޒަމާނުންސުރެ ބޮޑު ދާ ޖަހައިގެން ތިމާވެއްޓާ ބީރައްޓެހި ގޮތަކަށް މަސްވެރިކަން ކުރާ ބައެކެވެ. މަސްއޫދު ވިދާޅުވީ މުޅި ދުނިޔެއަށް މަޝްހޫރު ޕޯލް އެންޑް ލައިން މަސްވެރިކަން ކުރަން ދިވެހީންގެ ގާތުން ދަސްކުރަން ލަންކާގެ މަސްވެރިން ބޭނުންވާތީ އެ ހުށަހެޅުން ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%