ޕާލިމަންޓް ސްޕީކާޒް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސްވިޒަލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ވަޑައިފެންފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ސްވިޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގަތީ މީގެ ހަތަރު ދުވަސްކުރިންނެވެ.
އެ ކޮންފަރެންސް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 28 އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް މަޖިލީހުން ބުންޏެވެ.
"ވޯލްޑް ކޮންފަރެންސް ފޯ ސްޕީކަޒް އޮފް ޕަލިމެންޓް" އަކީ އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މަގުސަދަކީ ބައިނަލްއަގުވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކޮށް، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކޮށްދިނުމެވެ.
މިއީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރެންސެކެވެ.