ދަރަންޏާއެކު އެމްޑީޕީ ގަޑުބަޑުވެއްޖެ. ޕާޓީގެ މެމްބަރުން ފެށީ އިބޫއަށް ވަގަށް ގޮވަން!

މުހައްމަދު ޖަމްޝަތު | 12 ދުވަސް ކުރިން - 2 އޯގަސްޓް 2025 15:32
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ). އިބޫއަށް ޕާޓީ މެމްބަރުން ވަގަށް ގޮވަން ވަނީ ފަށައިފަ---
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ). އިބޫއަށް ޕާޓީ މެމްބަރުން ވަގަށް ގޮވަން ވަނީ ފަށައިފަ---
ޚުލާސާ

މޯލްޑިވިއަން އަށް އެމްޑީޕީން 3.6 މިލިއަން ރުފިޔާ ދައްކަން ޖެހޭ. އެމައްސަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ ވަޓްސްއެޕް ގްރޫޕެއްގައި ކުރީގެ ރައީސް އިބޫއަށް ވަގަށް ގޮވައިފަ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ކުރި ދަތުރުތަކަށް ގައުމީ އެއާލައިން، މޯލްޑިވިއަނަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓުން ކުރި ހުކުމާއި ގުޅިގެން އެމްޑީޕީ އާއްމު މެމްބަރުން ރުޅިގަދަވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވަގަށް ގޮވަން ފަށައިފި އެވެ.

މި ދަރަންޏާއި ގުޅިގެން "އެމްޑީޕީ މާލެ" ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ހިނގަމުންދިޔަ ހޫނު ޒުވާބެއްގެ ޗެޓްލޮގްތަކެއް ލީކުވެފައިވާއިރު މި ޗެޓްލޮގްތަކުގެ ސްކްރީންޝޮޓްތަކެއް މި ނޫހަށް ވަނީ ލިބިފަ އެވެ.

އެ ޗެޓްލޮގްތަކުން ފެންނަގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ދެ ބޭބެއިން ކަމަށްވާ، ހަސަން އިސްމާއިލް (ހަސަން ބަޑޭ) އާއި ހުސައިން އިސްމާއިލް ވަނީ މޯލްޑިވިއަންއަށް އެމްޑީޕީން އަދާކުރަންޖެހޭ ދަރަންޏާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފަ އެވެ.

އެމީހުން ބުނާގޮތުން އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބަށް ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައްކައި ޚަލާސްކޮށްފަ އެވެ. ނަމަވެސް އެ ފައިސާ ރައީސް އިބްރާހިމް އެހެން ކަންކަމަށް ހަރަދުކޮށް ބޭނުންކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ހުސައިން އިސްމާއިލް ވަނީ އެ ފައިސާ ޓްރާންސްފާ ކުރިކަމުގެ ސްލިޕްތައް ލީކް ކޮށްލާނެ ކަމަށްބުނެ އިންޒާރުވެސް ދީފަ އެވެ. ޗެޓްލޮގްތަކުން ފެންނަގޮތުގައި އެމްޑީޕީގެ ލާމަރުކަޒި ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ކުރި މެސެޖަކަށް ރިޕްލައި ކުރަމުން ހުސައިން އިސްމާއިލް ވަނީ "ކެން ޔޫ ޕްލީސް ސްޓޮޕް އޯ ޑޫ ޔޫ ވޯންޓް މީ ޓު ރިވީލް ދަ ހޯލް ތިންގް" އޭ ބުނެ ރައްދު ދީފަ އެވެ.

އެމްޑީޕީ މާލެ ވަޓްސްއެޕް ގޫރުޕުން ލީކްވެފައިވާ ޗެޓްލޮގްގެ ސްކްރީންޝޮޓެއް---

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވޯޓު ގަތުމަށް މޫކައި ހޮޓަލުގައި އެމްޑީޕީން ގިނަ އަދަދެއްގެ ފައިސާ ބަހަމުން ދިޔަކަމަށް އޭރު މީޑިއާ ތަކުންވެސް ރިޕޯޓުކުރި އެވެ. މަސްދަރުތަކުން ހާމަކޮށްފައިވާގޮތުން އޭރު އެ ފައިސާ ބެހުމުގައި އެންމެ އިސްކޮށް އުޅުނީ ހަސަން ބަޑޭ އެވެ.

ދަރަނީގެ މައްސަލާގައި އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެޕާޓީން މޯލްޑިވިއަނަށް ޖުމުލަ 5.6 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އޭގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން ވަނީ ދައްކާފަ އެވެ. އެހެންނަމަވެސް މޯލްޑިވިއަނަށް ބާކީ ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ އެމްޑީޕީން ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން އެގްރިމެޓް ބާތިލުކޮށް އެ ފައިސާ ދައްކާ ހަލާސްކުރަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މޯލްޑިވިއަނުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދާ ގޮތަށްކަން ފާހަގަކޮށްލަންޖެހެ އެވެ.

ސިވިލްކޯޓުގެ މި ހުކުމާއެކު އެމްޑީޕީ މެމްބަރުންގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމުންވެސް އެ ޕާޓީ އޮތީ ވަރަށް ބޮޑަށް ބައިބައިވެ ގަޑުބަޑުވެފަ އެވެ. ޕާޓީގެ ގިނަ މެމްބަރުން ގަބޫލުކުރާ ގޮތުގައި އިންތިހާބުން ބަލިވުމުގެ ޒިންމާ އުފުލަން ޖެހޭނީ ސީޑާ ރައީސް އިބްރާހިމް އެވެ. މީގެ އިތުރުންވެސް ރިޔާސީ އިންތިހާބާ ހަމަޔަށް އައި އިރުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އިބްރާހިމް މުހައްމަދު ސޯލިހުގެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ޕާޓީ ދެބައިވެ ރައީސް ނަޝީދު އެހެން ސިޔާސީ ޕާޓީއެއްވެސް އުފެއްދެވި އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަކީ މަތިބަރު ކޮރަޕްޝަނުން ފުރިފައި އޮތް ސަރުކާރެކެވެ. ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން ޝާމިލުވާގޮތަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް މަޝްރޫއުތަކެއް ހިންގާފައިވާއިރު އޭގެން ބައެއް މައްސަލަތަކާއި ގުޅިގެން ދައުލަތުން މިހާރުވެސް ވަނީ ދައުވާ އުފުލާފަ އެވެ. އަދި ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ގަންނަން ހަވާލުކުރި ވެންޓިލޭޓަރު ގަތުމުގައިވެސް ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާއިރު ސަރުކާރު ހިންގަމުން އައީ މާސިންގާ ދަރަނި ނަގައި އިންތިހާއަށް ހަރަދު ބޮޑުކޮށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ގައިސް

11 ދުވަސް ކުރިން - 20:03

ސައުދުﷲ ހިލްމީ ހާލުކިހިނެއްތޯ