އިމްރާނުގެ ޕާޓީގެ 100 އަށްވުރެ ގިނަ މެންބަރުން ޖަލަށް ލައިފި

ޖަވާދު | 78 ދުވަސް ކުރިން - 1 އޯގަސްޓް 2025 14:42
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން: އޭނާގެ ޕާޓީގެ ގިނަބަޔަކު ޖަލަށް ލައިފި.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން: އޭނާގެ ޕާޓީގެ ގިނަބަޔަކު ޖަލަށް ލައިފި.
ޚުލާސާ

އިންސާފު ހޯދުމަށް 2023 ވަނަ އަހަރު ޕާކިސްތާނުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އިމްރާން ޚާންގެ ޕާޓީގެ 108 މެންބަރުން ޖަލަށް ލައިފި.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް-އިންސާފް (ޕީޓީއައި) ޕާޓީގެ 108 މެންބަރުން ޖަލަށްލުމަށް އިއްޔެ ހުކުމްކޮށްފިއެވެ. ސަބަބަކީ 2023 ވަނަ އަހަރުގެ މޭ މަހުގެ 9 ވަނަ ދުވަހު ސަރުކާރާއި ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

އިމްރާނު ޕާޓީން ހަމަނުޖެހުން ހިންގީ، ބޭރުގެ ފަރާތްތައް އަޑީގައި ތިބެ އެ ޤައުމުގެ ޕާލަމެންޓުން އިމްރާނާއި ދެކޮޅަށް ހިންގި "ބަޣާވާތުގައި" ބޮޑުވަޒީރުގެ މަޤާމުން އޭނާ ވަކިކުރުމާއި އެއަށްފަހު މިދިޔަ ރިޔާސީ އިންތިޚާބުގައި އޭނާއަށާއި އޭނާގެ ޕާޓީއަށް އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް ހެދުމުންނެވެ.

އިއްޔެ ކޯޓުން އިއްވި ހުކުމްތަކުގެ ތެރޭގައި 58 އިސް ލީޑަރުންނާއި މަޖިލިސް މެންބަރުން ކަމަށްވާ އުމަރު އަޔޫބް ޚާން އަދި ޝިބްލީ ފަރާޒް ފަދަ ބޭފުޅުންނަށް 10 އަހަރުގެ ޖަލު ހުކުމް ހިމެނޭއިރު، ބާކީ ތިބި މީހުންނަށް 1 އާއި 3 އަހަރާއި ދެމެދުގެ މުއްދަތެއްގެ ހުކުމް ވަނީ އިއްވާފައެވެ. ޖުލައި މަހުގެ ކުރީކޮޅު ލާހޯރު އަދި ސަރްގޯދާގެ ކޯޓުތަކުން ނެރުނު ވަކި ހުކުމްތަކެއްގައި ޕީޓީއައިގެ 32 މީހަކު 10 އަހަރަށް ޖަލަށްލާފައިވެއެވެ. މި މީހުންގެ ތެރޭގައި ޕަންޖާބް އެސެމްބްލީގެ އިދިކޮޅު ލީޑަރު އަހުމަދު ޚާން ބަޗަރާއި، މަޖިލީހުގެ މެންބަރު މުޙައްމަދު އަހުމަދު ޗައްތާ ހިމެނެއެވެ. މީގެ އިތުރުން ރާވަލްޕިންޑީގައި ޕީޓީއައިގެ 20 މީހަކު ހަމަސްދުވަހަށް ޖަލަށް ލާފައިވެއެވެ.

މި ހުކުމްތަކާއެކު ޖުލައި މަހު އެކަނިވެސް 160 އަށްވުރެ ގިނަ ޕީޓީއައި މެންބަރުން ވަނީ ކުށްވެރިވެ ޖަލަށްލާފައެވެ. މި ހުކުމްތަކުގެ ސަބަބުން ޕީޓީއައިގެ ގިނަ މެންބަރުންނަށް މަޖިލީހުގެ ގޮނޑި ވަނީ ގެއްލިފައެވެ.

ޕީޓީއައި އިން މި ހުކުމްތައް އިސްތިއުނާފު ކުރުމަށް ނިންމާފައިވާއިރު، އިމްރާން ޚާން ފުރަތަމަ ފަހަރަށް ޖަލަށްލީތާ ދެއަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި މަހުގެ 5 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%