ލ. މާމެންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ލ. މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ.
އެގޮތުން މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި އެތަކެތި ފެނިފައިވަނީ އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ތަކެތީގެ ބަރުދަނުގައި 82 ގުރާމް ހުރިކަމަށް ފުލުހުން ބުނެއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.









