ކީރިތި ގުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރުމަށް ފަސޭހަވެގެން ދާނެ ކަމެއްކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި، މި އުންމަތުގެ ސަލަފުންގެ ދުވަސްވަރު އެބޭކަލުން ކީރިތި ގުރްއާނަށް ދެއްވި އަހައްމިއްޔަތުކަމަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ހަދީޘް އިލްމު އުނގަންނަވާދެއްވުމުގައި އެ ބޭކަލުން ދަރިވަރުންނަށް ކީރިތި ގުރްއާން ހިތުދަސްކުރުމަށް ބާރުއެޅުއްވިކަން ވަނީ ފާހަގަކުރައްވާފަ އެވެ.
"ސަލަފުންގެ ޒަމާނުގައި ކީރިތި ގުރްއާން ހިތުދަސް ދަރިވަރަކަށް ނޫނިއްޔާ ހަދީޘް އިލްމާއި ފިގްހް އިލްމު އެބޭކަލުން އުނގަންނަވައެއް ނުދެއްވަ އެވެ." ހުތުބާގައި ވެއެވެ.
މިކަމުން ވެސް އެބޭފުޅުން ގުރްއާން ހިތުދަސްކުރުމަށް އެބޭކަލުންގެ ދަރިވަރުންނަށް ބާރުއެޅުއްވި މިންވަރު ހާމަވެގެންދެ އެވެ.
އަދި ކީރިތި ގުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިހްލާސްތެރިކަމާއި އުހްރަވީ ހަޔާތުގައި މާތްﷲގެ ހަޟްރަތުން ލިބެން ހުރި ނިއުމަތްތަށް ހަނދާންކުރަންޖެހޭކަމަށާއި، އަދި ގުރްއާން ހިތުދަސްކުރުމަށްފަހު، ގަވާއިދުން ގުރްއާން މުރާޖައާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.
މިއަދުގެ ހުތުބާގައި އިތުރަށް ބުނެފައިވަނީ ގުރްއާން މުރާޖައާނުކުރާނަމަ ހިތްތަކުން ގުރްއާން ފިލައިދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.