ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުޅުވި އާ ޓާމިނަލުން 2،400 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.
އާ ޓާމިނަލް ހުޅުވާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ޓާމިނަލްގެ އޮޕަރޭޝަންތައް މި މަހުގެ 27 ވަނަ ދުވަހު ރަސްމީކޮށް ފަށާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއަރޕޯޓުން މާލެ އައީ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކު އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ޓާމިނަލްގެ އޮޕަރޭޝަންތައް ފެށި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ވީއައިއޭގެ އާ ޓާމިނަލް (ޓާމިނަލް 1) އިން 2،410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރުންނާއި، ރާއްޖެ އައި 1،454 ފަސިންޖަރުންނެވެ.
އެމްއޭސީއެލް އިން ބުނީ އިއްޔެގެ ނިޔަލަށް އާ ޓާމިނަލުން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލުގެ ވެއިޓިން އޭރިއާގައި ފަސިންޖަރުން އިށީނދެގެން. / ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ ޓާމިނަލް އެކަކަށް ބައިނަލްއަގުވާމީ އެއާލައިންތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކަމަށާއި، އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެން ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށް ފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް، މިއަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
އާ ޓާމިނަލްއަކީ ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެތަނުން ހިދުމަތް ދެވޭނެ އެވެ. ތިން ފްލޯއަށް އިމާރާތްކޮށްފައިވާ މި ޓާމިނަލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު ސެލްފް ޗެކިން ހަ ކައުންޓަރެއް ހުންނާނެ އެވެ. މިއީ އާ ޓާމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފުކުރި ހިދުމަތެކެވެ. މީގެ އިތުރުން އައު ޓާމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރުވެސް ވަނީ ގާއިމުކޮށްފަ އެވެ.
މި ޓާމިނަލާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި ވަނީ އެއިރޯ ބްރިޖްތައް ބޭނުންކުރަން ވެސް ފަށާފައެވެ. އާ ޓާމިނަލުގައި 12 އެއިރޯ ބްރިޖް ގާއިމުކޮށްފައިވާއިރު މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެކެވެ. އަދި މި ބްރިޖްތަކުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު އަށް މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މީގެ އިތުރުން އާ ޓާމިނަލުގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ސިސްޓަމްތައް ގާއިމުކޮށްފައިވާއިރު ބެގޭޖް ދޫކުރުމާއި ފުރާ މީހުންގެ ބެގޭޖް ފޮނުވުމަށް ބޭނުންކުރަނީ ހައި ސްޕީޑް ބެގޭޖް ބެލްޓު ތަކެކެވެ.