މޫސުން ގޯސްވެ، ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ އާއި ރޭ ކުރި ބުރަ މަސައްކަތުން ތިން ބޯޓަކުން މުދާ ބާލައި ހުސްކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެމްޕީއެލް އިން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި ތިން ބޯޓުގައި ޖުމްލަ 4،720 ބަސްތާ ފިޔާ ހިމެނެއެވެ.
މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދުވެސް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައި 3,840 ބަސްތާ ފިޔާ ހިމެނޭ ކަމަށްވެސް އެމްޕީއެލް އިން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ ދުވަސްތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން މާލޭގެ ބާޒާރުތަކަށް ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މިހާރު ވަރަށް ގިނަ ފިހާރަތަކުން ފިޔާ ހުސްވެފައިވާއިރު، ބައެއް ފިހާރަތަކުގައި ފިޔާގެ އަގު ބޮޑު ތަނުން އުފުލިފައިވާކަން ފާހަގަކުރެވެއެވެ.
މި ޝޯޓޭޖަށް ހައްލެއް ހޯދުމަށް ސަރުކާރު ހިއްސާވާ އެސްޓީއޯއިން ވަނީ ފިޔާ ސްޓޮކެއް ގެނައުމަށް ނިންމާފައެވެ. އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ފިޔާ ގެނައުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބާޒާރުގައި ކާބޯތަކެތީގެ ޝޯޓޭޖެއް ދިމާވާ ކޮންމެ ފަހަރަކު، އެސްޓީއޯއިން ހާއްސަ އިސްކަމެއް ދީގެން އަބަދުވެސް އެ ތަކެތި ގެނެސް ހެޔޮ އަގުގައި ވިއްކައެވެ. އެކަމުގެ ސަބަބުން އަގުތައް މައްޗަށް އަރައިގެން ދިޔަ ނުދީ ހިފަހައްޓައިދެއެވެ. މިދިޔަ އަހަރުވެސް ފިޔާ ލިބުން ދަތިވުމުން، އެ ކުންފުނިން ފިޔާ ގެނެސްފައިވެއެވެ.