އިސްރާއީލުގެ ޖާސޫސީ ނެޓްވޯކްތަކާއި ގުޅިފައިވާ ނުރައްކާތެރި 700 އަށް ވުރެ ގިނަ އެޖެންޓުންނާއި ޖާސޫސުން އީރާނުން ހައްޔަރުކޮށްފިއެވެ. އީރާނުގެ މީޑިއާއިން ބުނި ގޮތުގައި އެ ޤައުމުގެ ސިޓީތައް ކަމަށްވާ ޚުޒެސްތާން، ޤުމް، ބުޝެހްރު، އަލްބޯޒް، އަދި އެހެނިހެން ޕްރޮވިންސްތަކުގައި ތިބެގެން އެ މީހުން ދިޔައީ ވަރަށް ފުޅާ ދާއިރާއެއްގައި މިޝަންތައް ހިންގަމުންނެވެ.

އީރާނުގެ ސަރުކާރުން އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ މޮސާޑާއި އެކު މަސައްކަތް ކުރުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި މީހުން މެރުމާއި، ބޮން ގޮއްވުމާއި، ޑްރޯން ހަމަލާތައް ރޭވުން ފަދަ ޖަރީމާތަކެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ މި އަހަރު އީރާނުގައި ޙަރަކާތްތެރިވި އިސްރާއީލާއި ގުޅުން ހުރި ހަ އޭޖެންޓެއްގެ މައްޗަށް މަރުގެ އަދަބު ވެސް ދީފައެވެ. އެންމެ ފަހުން މަރުގެ އަދަބު ދީފައިވަނީ ޖޫން މަހާއި ހިނގަމުންމިދާ ޖުލައި މަހުގައެވެ.