ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި އ.ދ. ގެ މައި މަރުކަޒު، ނިއު ޔޯކްގައި މި މަހުގެ 28 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވާން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހާމަކުރައްވާފަ އެވެ.
މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ. އެ މަނިކުފާނު މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ރަމްޒުކޮށްދެ އެވެ. ދިވެހިރާއްޖެއިން ދަނީ އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައެޅުމަށްޓަކައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.
މި ކޮންފަރެންސް ބޭއްވިގެން ދަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ. ފްރާންސް އަދި ސައޫދީ އަރަބިއްޔާ އިން ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިނިސްޓްރީއަލް ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާ ތައް ހުށަހަޅައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.









