ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރު އަވަހާރަވުމާ ގުޅިގެން، ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ހަސަން ސާބިރު ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ހަސަން ސާބިރު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައި ވަނީ، ފަތުރުވެރިކަމުގެ ވުޒާރާގަ އެވެ. އެހެންކަމުން ދަފްތަރު ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރުތަމަ ނިންމަވާފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގަ އެވެ.
މި ދަފްތަރު ހުޅުވިފައި އޮންނާނީ، މި ހިނގާ ޖުލައި މަހުގެ 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްކަމަށާއި، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ފެށިގެން މެންދުރުފަހު 13:00 އަށް މި ދަފްތަރު ހުޅުވިފައި އޮންނާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރު އަވަހާރަވެފައި ވަނީ އިއްޔެ ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.









