ރާއްޖޭގެ ގައުމީ ސާފިން ޓީމު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށްޓަކައި މިއަދު އިންޑިއާއަށް ފުރައިފި އެވެ. މިފަހަރުގެ ގައުމީ ޓީމުގައި ޖުމްލަ ނުވަ އެތުލީޓުން ހިމެނެ އެވެ. އެގޮތުން ތިން ފިރިހެން އެތުލީޓުންނާއި، ތިން އަންހެން އެތުލީޓުން އަދި ތިން ޖޫނިއާ އެތުލީޓުން ޓީމުގައި ހިމެނެ އެވެ. ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، ދިވެހި އަންހެން ޓީމަކާއި ޖޫނިއާ ޑިވިޝަންގެ އެތުލީޓުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް ބޭރަށްދާ މިއީ ފުރަތަމަ ފަހަރުކަމެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ތައިލެންޑްގެ ފުކެޓްގަ އެވެ. އޭގެ ފަހުން ދެވަނަ އަދި ތިންވަނަ އަހަރު މި މުބާރާތް ބޭއްވީ ދިވެހިރާއްޖޭގަ އެވެ. މިއަހަރުގެ މުބާރާތް އޮގަސްޓް 3 އިން 12 އަށް ކުރިއަށްދާނީ އިންޑިއާގަ އެވެ.
ސާފިން އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މި މުބާރާތުގައި އަންހެން ޓީމެއް ބައިވެރިވުމާއެކު، ދިވެހި ސާފިންގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެ އެވެ. އެސޯސިއޭޝަނުން އިތުރަށް ބުނީ، މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަށްވުރެ ބޮޑަށް، ދިވެހި އަންހެނުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރުވާ ބޮޅެއް ކަމަށެވެ. މިފަދަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ޒުވާން އަދި އަންހެން އެތުލީޓުންނަށް ލިބުމަކީ މި ކުޅިވަރުގެ ކުރިމަގު އުޖާލާކޮށްދޭނެ ކަމެކެވެ.
ގައުމީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް އެވެ. 2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްއިން އަންނަނީ ސާފިން އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ.