ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރާ މައުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިއްޖެ އެވެ. މަޖިލީހުން މިގޮތަށް އެދުނީ، މަޖިލީހުން އާންމުކުރާ މައުލޫމާތުތަކުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ހިފައި، އާންމުންނަށް އޮޅުންއަރާ ގޮތަށް މައުލޫމާތު ފަތުރަމުން ގެންދިއުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކުރެއްވި ނޫސް ބަޔާނެއްގައި ވަނީ، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރަމުން ގެންދާ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުންއަރާ ގޮތަށް އެ މައުލޫމާތުތައް ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު، ޒިންމާދާރުކަމާއެކީ މައުލޫމާތު ހިއްސާކުރުމަށާއި، މައުލޫމާތުގެ ތެދުދޮގު ކަށަވަރުކުރުމަށްވެސް މަޖިލީހުން ވަނީ އެދިފަ އެވެ.
މަޖިލީހުގެ ބަޔާނުގައި ބުނެފައިވާގޮތުން، ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަމުން ގެންދަނީ، މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި ގަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި ޝާމިލުވާ ކޮމިޓީތަކުގެ މައުލޫމާތާއި ތަފާސްހިސާބު ފެންނަން ހުންނާނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެ އެވެ. އެހެންނަމަވެސް، އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތް ނޫންކަމަށާއި، މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރިއަށްގެންދާކަމަށް މަޖިލީހުން ފާހަގަކުރެއްވި އެވެ.
މަޖިލީހުން ހާމަކުރިގޮތުގައި، ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމާއި ބްރޯޑްކާސްޓްކުރުމަށް އޮތް އުސޫލުގެ މަގުސަދަކީ، ހޭލުންތެރިކަން އިތުރުކުރުމާއި މައުލޫމާތު މުއްސަނދިކުރުމާއި ވަކި ފަރާތަކަށް ނުޖެހި ތެދު ހަބަރު ފޯރުކޮށްދިނުން ކަމަށެވެ. އަދި މަޖިލީހުގެ އުސޫލުތަކާއި އާދަތަކާއި ކަންހިނގާ ގޮތަށް އަހުލުވެރިކުރުމާއި އާންމު މައްސަލަތަކާއި ގައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.









